ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްފަހަރާ ބާއްވާގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް އަންނަ މަޖިލިސް ދައުރުގައި ބިލެއް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އއ. މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށް ބާއްވާ ވާހަކައަކީ ކުރިން ވެސް ދެކެވިފައިވާ ކަމެއް ކަމަށާއި، ނަމަވެސް މި އިސްލާހު މަޖިލީހުން ފާސްވުމަށްފަހު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރެފަރެންޑަމެއް ބާއްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރެފަރެންޑަމުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ކުރިއަށް އޮތްތަނުގައި ދެ އިންތިހާބު ވެސް އެއްފަހަރާ ބާއްވާނެއެވެ. މިކަމުގެ މަޤްޞަދަކީ ދައުލަތަށް ކުރާ ހަރަދު ކުޑަކުރުމާއި، އިންތިހާބީ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަކިވަކިން އިންތިހާބުތައް ބާއްވާއިރު ދައުލަތަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުކަން އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، ފާއިތުވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 120 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވެފައިވާ ކަމަށާއި، ރިޔާސީ އިންތިހާބުގެ ދެ ބުރު ނިމުނުއިރު 180 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވެފައިވާ ކަމަށެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ހާމަކުރެއްވީ، އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމަވާފައިވާ ކަމާއި، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން މި ބަދަލު ގެންނަވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އަތޮޅު ކައުންސިލަރުން އިންތިހާބުކުރަން ވޯޓުލާކަށް ނުޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލް ނިޒާމަށް ގެނެވޭ މި ބަދަލުތަކުގެ މަޤްޞަދަކީ ވެސް ދައުލަތުގެ ހަރަދު ކުޑަކުރުމާއި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ