ނިލަންދޫގައި މަސްތުވާތަކެތީގެ ބޮޑު ދެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރު ކޮށްފި

ނިލަންދޫގައި މަސްތުވާތަކެތީގެ ބޮޑު ދެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރު ކޮށްފި

Author
ހުސައިން
18 އޮގަސްޓް 2025 04:40
0

ފ. ނިލަންދޫގައި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގި ދެ ވަކި އޮޕަރޭޝަނެއްގައި ޖުމްލަ 10 މީހުން ހައްޔަރުކޮށްފިއެވެ. މި ދެ އޮޕަރޭޝަނަކީ މި މަހުގެ 16 ވަނަ ދުވަހު އެއްފަހަރާ ހިންގި އޮޕަރޭޝަންތަކެކެވެ.

ފުރަތަމަ އޮޕަރޭޝަނަކީ ނިލަންދޫގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިއްކައި ވިޔަފާރިކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނުކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި އޮޕަރޭޝަނުގައި އެ ވަގުތު ގޭގައި ތިބި 9 މީހުން ހައްޔަރުކޮށްފައިވެއެވެ. އެއީ އއ. ރަސްދޫ، ދޫގަސް، މުހައްމަދު ވިސާލު (19)، ލ. ގަން، ތުނޑި ހެދޭކުރި، މުޝްހަފް މުފީދު (22)، ނ. ލަންދޫ، ފިނިވާގެ، އިބްރާހީމް ލޫތް (20)، ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21)، ސ. ހިތަދޫ، ގާފިލާ، އަހްމަދު އަބާން އަލީ (20)، ހދ. ނޮޅިވަރަންފަރު، އަންނާރުގެ، އަބްދުﷲ ލައިޝަމް (20)، ސ. މީދޫ، ޝީން، އަޙްމަދު އުސްމާން (20) އަދި މާލެ، ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26) އެވެ.

ކޯޓަށް ހާޒިރުކުރުމުން މި 9 މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާއިރު، މުހައްމަދު ވިސާލު 15 ދުވަހަށް ބަންދުކޮށްފައިވެއެވެ. ބާކީ ހަތް މީހުން 10 ދުވަހުގެ ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ދެވަނަ އޮޕަރޭޝަނަކީ ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ނިލަންދޫ ބަނދަރުމަތިން ފ. ނިލަންދޫ، ޝަބްނަމުގެ، މުހައްމަދު މާނިއު (19) ހުއްޓުވައި ބަލައިފާސްކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 6 ސެލޯފިންކޮޅު ފެނުނުކަމަށް ފުލުހުން ބުންޏެވެ. މުހައްމަދު މާނިއު ވެސް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި ދެ މައްސަލަ ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިފަދަ ޖަރީމާތައް ހުއްޓުވުމަށް ގިނަގުނަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.