ޔޫތު އެޑްވައިޒަރީ ބޯޑުން އިސްލާމިކް މިނިސްޓަރުގެ ދަރިކަލުން އިސްތިއުފާ ދެއްވައިފި

ޔޫތު އެޑްވައިޒަރީ ބޯޑުން އިސްލާމިކް މިނިސްޓަރުގެ ދަރިކަލުން އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
17 އޮގަސްޓް 2025 04:51
0

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް، ޔޫތު އެޑްވައިޒަރީ ބޯޑުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ބޯޑަށް އައްޔަންކުރެވުނު މާހިލް، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ތައުލީމު ހާސިލުކުރުމަށްފަހު ގައުމަށް ޚިދުމަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މާހިލް އިސްތިއުފާ ދެއްވީ، މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ރާއްޖެ އައިރު، ސަރުކާރުން މަނާކޮށްފައިވާ ވޭޕް ސާމާނުތަކެއް ގެނައިކަން ފާހަގަކުރެވި، ޖޫރިމަނާކުރެވުނު ފަހުންނެވެ. އޭނާގެ ލަގެޖުން މި ތަކެތި ފެނުނުކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއްވާފައި ވެއެވެ. އިސްތިއުފާގެ އިތުރު ތަފުސީލެއް މާހިލް ހާމަކުރައްވައިފައެއް ނުވެއެވެ.

ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާދޭ މި ބޯޑުން ވަކިވި ދެވަނަ މެންބަރަކީ މާހިލެވެ. މީގެ ކުރިން، މާލޭގައި ޒުވާނުންތަކެއް މަސްތުވާތަކެއްޗާއެކު ޕާޓީކުރި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުކުރެވުނު ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސް ދާއޫދު އަހުމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދާއޫދުގެ މައްޗަށް، ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާން ދިންކަމުގެ ތުހުމަތު ވެސް ކުރެވިފައިވެއެވެ. މި ތުހުމަތުތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ، މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި ދާއޫދު މަގާމުން ވަކިކުރައްވައިފައެވެ.

ޔޫތު އެޑްވައިޒަރީ ބޯޑަކީ ޒުވާނުންގެ ކަންކަމާ ގުޅޭގޮތުން ސަރުކާރަށް ލަފާދިނުމަށް އުފެއްދެވި ބޯޑެކެވެ. މި ބޯޑުން މެންބަރުން ވަކިވަމުންދާތީ، ބޯޑުގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.