ރައީސް ޔާމީންގެ ތުހުމަތު ދޮގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް މައުމޫން ވިސްނަވަނީ

ރައީސް ޔާމީންގެ ތުހުމަތު ދޮގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް މައުމޫން ވިސްނަވަނީ

Author
އަލީ ރައޫފް
16 އޮގަސްޓް 2025 01:50
0

2018 ވަނަ އަހަރު ޖަލަށްލެވުނު މައްސަލާގައި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކުރައްވާފައިވާތީ، އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

13 އޮގަސްޓް 2025 ގައި އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، 2018 ފެބްރުއަރީގައި އެމަނިކުފާނު ހައްޔަރުކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވާހަކަތަކަކީ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ 2018 ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެމަނިކުފާނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަމަށާއި، ކޯޓު އަމުރެއް ހޯދުމަށް ނުވަތަ އެހެން ނިންމުމެއް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ އެއްވެސް ޢަމަލެއް އެމަނިކުފާނު ދުވަހަކުވެސް ކޮށްފައި ނުވާނެކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނުވަތަ އޭގެ ކުރިން ނުވަތަ ފަހުން، އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ނުވަތަ ދައުލަތުގެ އެއްވެސް މުވައްޒަފަކަށް ރިޝްވަތުގެ ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއް ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވި ފަރާތަކުން ޙަޤީޤަތެއް ނެތް މިފަދަ ދޮގު ވާހަކަތައް މުޖުތަމަޢުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށް ވިދާޅުވެ، މި މައްސަލާގައި ޤާނޫނީ ފިޔަވަޅު އެޅުމާމެދު ވިސްނަވަމުން ގެންދަވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އެއްވެސް ޢަމަލެއް ދުވަހަކުވެސް ކުރައްވާފައި ނުވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަން ބޭނުންފުޅުވާކަމަށް ރައީސް މައުމޫން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.