ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ މީހަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި އޯޑިއޯ މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވީ، ޒަޔަނިސްޓް ޔަހޫދީ ދައުލަތުގެ އަނިޔާވެރި ޢުދުވާނާއި، ހުއްޓުމެއް ނެތި އަޅަމުންދާ ބޮންތަކާއި، ބަނޑަށްޖެއްސުމުގެ ސިޔާސަތު އެތައް ދުވަސްތަކެއް ކުރިޔަށް ގެންދިޔަސް، ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރާއި އަޒުމަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް އެހީ ފޯރުކޮށްދިނުމަށް މާލޭގައި މިއަދު ބޭއްވި ބޮޑު އެއްވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، ޔަހޫދީ ދައުލަތާ ދެކޮޅަށް އަޑުއުފުލައި، ފަލަސްޠީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލާފައިވެއެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރުން ފިލާވަޅު ލިބިގެން، ސުމޫދު ފްލޮޓީލާ ކޯލިޝަނުން ޣައްޒާގެ ހިސާރު ނައްތާލައި އެހީ ފޯރުކޮށްދިނުމަށް 44 ޤައުމަކުން ކަނޑު އުޅަނދުތަކެއް ފުރަން ތައްޔާރުވަމުންދާ ކަމަށާއި، މި އިއްތިހާދުގައި ރާއްޖެ ބައިވެރިވުމަކީ އުފަލެއް ކަމަށް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، އަބަދުވެސް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކޮށް އަދުލުއިންސާފަށް ގޮވާލާ ޤައުމެއް ކަމަށާއި، މި ބައިނަލްއަޤްވާމީ މަސައްކަތުގައި ރާއްޖެ ބައިވެރިވުމަކީ ޤައުމަށް ލިބޭ ފަޚުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2007 ވަނަ އަހަރުން ފެށިގެން އުފެދިފައިވާ ސުމޫދު ފްލޯޓިލާއަކީ، ޔަހޫދީ ދައުލަތުން ޣައްޒާގެ ކަނޑާއި ވަޔާއި އެއްގަމު މަގުތައް ބަންދުކޮށް، ޣައްޒާއަށް ތަކެތި ވެއްދުން ކޮންޓްރޯލްކުރާ ސިޔާސަތާ ދެކޮޅަށް އުފެދިފައިވާ ހަރަކާތެކެވެ. މިފަހަރު 44 ޤައުމަކުން ބައިވެރިވާ މި ހަރަކާތަކީ، ކަނޑު މަގުން ޣައްޒާއަށް ވަނުމަށް މަސައްކަތްކުރާ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
މި އިއްތިހާދުގައި ރާއްޖޭގެ ދައުރަކީ، ބޯޓުތަކަށް އިންޑޮނޭޝިއާ ފަޅިން މީހުން އެރުމުގެ ކުރިން ދޭންޖެހޭ ތަމްރީނުތައް ދިނުން ކަމަށް ވަނީ ހާމަވެފައެވެ. މި ހަރަކާތް އިންތިޒާމުކުރާ ކޮމިޓީގައި އިސްކޮށް އުޅުއްވާ އައިއޭސީގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވިދާޅުވި ގޮތުގައި، މި ހަރަކާތުގައި ރާއްޖެ ބައިވެރިވުން ބައިނަލްއަޤްވާމީ ޤައުމުތަކުން ވަރަށް ބޮޑަށް ބަލައިގަނެއެވެ. ޚާއްސަކޮށް ރާއްޖެއިން އިސްރާއީލް ޕާސްޕޯޓު މަނާކޮށް، މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ޞަރީޙަ މަޤާމަށް ގިނަ ޤައުމުތަކުން ވަރަށް ބޮޑަށް ތަޢުރީފުކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ކޮމެންޓު ފޮނުވާ