ދަރިފުޅު އަބްދުﷲ މާހިލް ޝަހީމްއާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މާހިލް ޝަހީމް ރޭ މެލޭޝިޔާއިން ރާއްޖެ އައިސްފައިވާއިރު، އޭނާ ހުއްޓުވައި ބަލާ ފާސްކުރުމުން ގައިގައި ބަނދެގެންނާއި ލަގެޖްގައި ވޭޕްގެ ސާމާނު އެތެރެކުރަން އުޅުނު ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. މި ރިޕޯޓްތަކުގައި ބުނާގޮތުން 118 ވޭޕް ސްޓިކް އެތެރެކުރަން އުޅުނު މާހިލްއަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން މިނިސްޓަރު ޝަހީމް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގައިގައި ބަނދެގެން ވޭޕް ސާމާނުތަކެއް އެތެރެކުރި ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި މާހިލް އަކީ މެލޭޝިޔާގެ ދިވެހި އެމްބަސީގައި ވަޒީފާ އަދާކުރާ މީހެއް ނޫން ކަމަށް ވެސް ޝަހީމް ސާފުކޮށް ދެއްވިއެވެ.
"ހަބަރުތައް ރަނގަޅު ކުރުން އެދެން" މިނިސްޓަރު ޝަހީމް އޭނާގެ ޕޯސްޓްގައި ލިޔުއްވާފައިވާއިރު، ގޯސްކޮށް ލިޔެފައިވާ ހަބަރުތައް އިސްލާހު ކުރުމަށް މީޑިއާތަކަށް ގޮވާލައްވާފައިވެއެވެ.
ކުރިން ފަތުރަމުންދިޔަ ރިޕޯޓްތަކުގައި މާހިލް މެލޭޝިޔާގެ ދިވެހި އެމްބަސީގައި ވަޒީފާއެއް އަދާކުރާ ކަމަށާއި، މުސާރައާ އެލަވަންސްތަކާއެކު ލައްކައެއްހާ ރުފިޔާ ލިބޭ ކަމަށް ބުނެފައިވިނަމަވެސް، މިނިސްޓަރު ޝަހީމް ކުރީންވެސް މި ވާހަކަތައް ދޮގުކުރައްވާފައިވާ ކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ