އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް، މެލޭޝިއާއިން އައި ފްލައިޓަކުން ރާއްޖެއަށް ވޭޕް ވަގަށް އެތެރެކުރަން މަސައްކަތްކުރި މައްސަލައެއްގައި ކަސްޓަމްސް އިން ހިފަހައްޓައި ޖޫރިމަނާ ކޮށްފައިވެއެވެ.
ކަސްޓަމްސް އިން ރޭ ހިފަހައްޓާފައިވަނީ އިސްލާމިކް މިނިސްޓަރުގެ ދޮށީ ފިރިހެން ދަރިފުޅާއި އިތުރު މީހެކެވެ. ކަސްޓަމްސް އިން މި މައްސަލައިގައި ހައްޔަރުކުރި ފަރާތްތަކުގެ ނަން ހާމަކޮށްފައި ނުވިނަމަވެސް، މިނިސްޓަރ ޝަހީމްގެ ދަރިފުޅު މި މައްސަލައިގައި ހިމެނޭކަން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ކުރި ޖޫރިމަނާގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކަސްޓަމްސް އިން މިދިޔަ ހަފްތާގައި ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ރާއްޖެއަށް ވޭޕް އެތެރެކުރުމުގެ މައްސަލަތަކުގައި މިހާތަނަށް ކުރި ޖޫރިމަނާގެ ޖުމްލަ އަދަދު 400 މިލިއަން ރުފިޔާ ފަހަނައަޅައިފައިވާކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި އެކަކު 72 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ޖެހުނު މައްސަލައެއް ހިމެނޭކަމަށް ވެސް ކަސްޓަމްސް އިން ހާމަކޮށްފައިވެއެވެ.
ވޭޕް އަދި އީ-ސިގަރެޓް ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. މިފަދަ ތަކެތި ވަގަށް އެތެރެކުރާ ފަރާތްތަކާ ދެކޮޅަށް ކަސްޓަމްސް އިން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ