ޣައްޒާއަށް އެހީ އެތެރެކުރުމަށް އިސްރާއީލުން ހުރަސްއަޅާ، އެތައް ހާސްބަޔަކު އަދިވެސް ހައިހޫނުގައި

ޣައްޒާއަށް އެހީ އެތެރެކުރުމަށް އިސްރާއީލުން ހުރަސްއަޅާ، އެތައް ހާސްބަޔަކު އަދިވެސް ހައިހޫނުގައި

Author
ހުސައިން
14 އޮގަސްޓް 2025 03:16
0

ފަލަސްޠީނުގެ ޣައްޒާ ސަރަހައްދަށް އެހީގެ ގޮތުގައި ފޮނުވާ ކާބޯތަކެތި އެތެރެކުރުމަށް އިސްރާއީލު ސިފައިން އަޅަމުންދާ ހުރަސްތަކުގެ ސަބަބުން އެތައް ލައްކަ މީހުންނަށް ބަނޑުމައިގެ ހާލަތު ކުރިމަތިވެފައިވާކަމަށް އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ) އާއި އެހީދޭ ޖަމާޢަތްތަކުން ހާމަކޮށްފިއެވެ.

އދ އާއި އެހީދޭ ޖަމާޢަތްތަކުގެ އޮފިޝަލުން ބުނި ގޮތުގައި، އޮގަސްޓު 10 ވަނަ ދުވަހު ޣައްޒާއަށް އެތެރެކުރަން އުޅުނު ކާބޯތަކެއްޗަށް އިސްރާއީލު ސިފައިން ހުރަސްއަޅައި، އެ ތަކެތި މިޞްރަށް އަނބުރާ ފޮނުވާލާފައިވެއެވެ. މީގެ އިތުރުން، ޣައްޒާގެ ސަރަހައްދީ ހުރަސްތަކުގެ ކައިރީގައި ބޭރު ޤައުމުތަކުން ފޮނުވާފައިވާ އެހީގެ ތަކެތި މަގުމަތީގައި ފުނިޖެހި ހަލާކުވަމުންދާކަމަށް ވެސް އޮފިޝަލުން ފާހަގަކުރެއެވެ.

އެންމެ ފަހުން އިސްރާއީލުން ހުރަސްއަޅާފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ފޮނުވި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިޞްރާއި ޣައްޒާ ގުޅޭ ރަފަޙް ސަރަހައްދީ ރޮނގު ކައިރީގައި މި ތަކެތި ތާށިކޮށްލާފައިވާކަމަށް ބެލެވެއެވެ. ޑަބްލިޔުއެޗްއޯގެ އޮފިޝަލަކު ބުނި ގޮތުގައި، މި ތަކެތީގެ ތެރޭގައި މަނާ ބޭސްތައް ހުރިކަމަށް ބުނެ އިސްރާއީލުން އެތެރެކުރުމަށް ހުރަސްއެޅިކަމަށެވެ.

މި ހާލަތާ ގުޅިގެން، ޤައުމުތަކުގެ ކުރީގެ ވެރިންގެ ޖަމްޢިއްޔާ، އެލްޑަރސްއިން ވަނީ ގަދަ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނެލްސަން މަންޑޭލާ އުފައްދަވާފައިވާ މި ޖަމްޢިއްޔާއިން، މިޞްރުގެ ސަރަހައްދީ ރޮނގު ކައިރިއަށް ނޫސްވެރިން ގެންގޮސް، ޣައްޒާއަށް އެތެރެނުކުރެވި މަގުތަކުގައި ހަލާކުވަމުންދާ އެހީގެ ތަކެތި ދައްކާލިއެވެ.

އަޔަލެންޑުގެ ކުރީގެ ރައީސް މޭރީ ރޮބިންސަނާއި ނިއުޒިލެންޑުގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް މި ދަތުރުގައި ބައިވެރިވެ، ޣައްޒާގެ ރައްޔިތުންނާމެދު އިސްރާއީލުން އަމަލުކުރާ ގޮތާމެދު ނުހަނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ރަފަޙް ހުރަސް ކައިރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކްލާކް ވިދާޅުވީ، "މި ހުރަސް އަސްލުގައި ވާންޖެހެނީ މީހުން ބައްދަލުވެ، އެހީ ލިބިގަނެ، ބަލިމީހުން ފަރުވާއަށް ގެންދެވޭ ތަނަކަށް، ނަމަވެސް މިއަދު މިތަން ހަމަހިމޭންވެފައި އޮތް މަންޒަރު ފެނުމަކީ ހިތްދަތިކަމެއް" ކަމަށެވެ.

ބައިނަލްއަޤްވާމީ ފިއްތުންތަކާ ގުޅިގެން އިސްރާއީލުން މިހާރު ވަރަށް މަދު އަދަދެއްގެ އެހީ ޣައްޒާއަށް އެތެރެކުރުމުގެ ފުރުޞަތު ދޭކަމަށް ބުނެއެވެ. ޖުލައި 27 އަށްފަހު ޣައްޒާއަށް އެތެރެވި އެހީގެ ލޮރީގެ އަދަދަކީ އެންމެ 1,334 ލޮރީ ކަމަށް ޣައްޒާގެ މީޑިޔާ އޮފީހުން ބުންޏެވެ. ޣައްޒާގެ 2.2 މިލިޔަން ރައްޔިތުންނަށް ދުވާލަކަށް ބޭނުންވާ 600 ލޮރީގެ އެހީއާ އަޅާބަލާއިރު މިއީ ވަރަށް ކުޑަ އަދަދެކެވެ.

މި ހާލަތުގެ ސަބަބުން ޣައްޒާގައި ބަނޑަށްޖެހިގެން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެލްޑަރސް ޖަމްޢިއްޔާއަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރާ ޖަމްޢިއްޔާއެއް ކަމަށާއި، ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އިތުރު ފިޔަވަޅުތައް އަޅަންޖެހޭކަމަށް އެ ޖަމްޢިއްޔާއިން ގޮވާލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.