ރާއްޖޭގެ ތަރައްޤީގައި ސަޢޫދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި، ދެ ޤައުމުގެ ގުޅުން މިހާރު ކުރިއަށްވުރެ ބަދަހިވެފައިވާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިވާހަކަ ވަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދާދިފަހުން ހުޅުވުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ތަރައްޤީކުރުމުގައި ސަޢޫދީ ޑިވެލޮޕްމަންޓް ފަންޑުގެ ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ. މިދިޔަ މަހު ހުޅުވުނު މި ޓަރމިނަލްގެ މަސައްކަތް ފުރިހަމަކުރުމުގައި އެ ފަންޑުން ކޮށްދީފައިވާ މާލީ އެހީތެރިކަން ވަޒީރު އަމިއްލަ ގޮތުން ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ ތަފާސްހިސާބުތަކެއް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އިސްވެރިންނާ ހަ ފަހަރު ބައްދަލުކުރެވުނު ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ވެސް އެ އަދަދަށް ބައްދަލުވުންތައް ކުރެވިފައިވާ ކަން ވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން ޔޫއޭއީގެ އިސްވެރިންނާ މި ސަރުކާރުން މިހާތަނަށް ހަ ފަހަރު ބައްދަލުކޮށްފައިވާއިރު، މިދިޔަ ސަރުކާރުގެ ފަސް އަހަރުގައި ވެސް އެ އަދަދަށް ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށް ވަޒީރު މަޢުލޫމާތު ދެއްވިއެވެ. އޮމާންގެ ސަރުކާރާ އެކު މިދިޔަ ސަރުކާރުން އެންމެ އެއް ބައްދަލުވުން ބޭއްވި ނަމަވެސް، މި ސަރުކާރުން މިހާތަނަށް ދެ ބައްދަލުވުން ބާއްވާފައިވާ ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވަނީ ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ޢަރަބި އިސްލާމީ ޤައުމުތަކާ ރާއްޖެއާ ދެމެދު ގުޅުން ވަރުގަދަވެ، ފަލަސްޠީނުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެންމެ ބާރަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްރާޢީލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރި ނިންމުން ވެސް މި ޚާރިޖީ ސިޔާސަތުގެ ބައެއްގެ ގޮތުގައި ނިންމި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނިންމުމުގެ ސަބަބުން އިސްލާމީ ޤައުމުތަކާ ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިވެ، އެ ޤައުމުތަކުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ