އިދިކޮޅު ކޯލިޝަން ބައިބައިކޮށް، ކޯލިޝަން ތެރޭގައި މައްސަލަތައް އުފެއްދުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން އެކިއެކި ނުފޫޒު ފޯރުވަމުންދާކަމަށް، ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ރަށު ބަންދުގައި ތިބެ، ރ.އަލިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރ.އަތޮޅު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ކޯލިޝަނުން ދަނީ ކެނޑިނޭޅި އިދިކޮޅު ބައިބައި ކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އެގޮތުން ނުފޫޒު ގަދަ ފަރާތްތަކުން ދަނީ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނަށް ތަފާތު ހުށަހެޅުން ހުށަހަޅައި، ފައިސާގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ކަމުގައެވެ. ނަމަވެސް އިދިިކޮޅުގައި ތިބީ އެއަށްވުރެ މާބަދަހި އެއްބައިވަންތަ ޓީމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ތެރޭގައި ތިބި ވަކިވަކި ފަރާތްތަކަށް ނުފޫޒު ފޯރުކަހަލަ އެކިއެކި ފަރާތްތަކުގައިތިބި، އެކިއެކި ބޭބޭފުޅުނަށް ވަކިވަކިން ނުފޫޒު ފޯރުވުމަށްޓަކައި ފައިސާވެސް ދަނީ ހުށަހަޅަމުން. އަޅުގަނޑުމެންނަށް އެގޭ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވީ އިޚުލާސްތެރި ބޭފުޅުންކަން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ތެރޭގައި ބައިބައި ނުވާނޭ ގޮތަކަށް އެންމެން އެކަތިގަޑެއްގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ތިބުމަށް އަޒުމް ކަނޑައަޅަން.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ސަރުކާރަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކާއި، ދޭ ޕްރެޝަރުގެ ސަބަބުން ސަރުކާރަށް ގޮތް ހުސްވަަމުންދާކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި ރައްޔިތުންގެ މާޔޫސްކަމާއި، ނުތަނަވަސްކަން އިންތިހާއަށް ގޮސް، ރައްޔިތުންގެ ތާއީދު މިސަރުކާރަށް ގެއްލިފައިވާކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ހުރިހާ ޕާޓީތަކުންވެސް އެޕާޓީއާއި ގުޅޭ މެމްބަރުންނަށް މަރުހަބާ ކިޔައި، އެއްބައިވަންތަ ޕާޓީއެއް ކަމަށެވެ. ޕާޓީތެރޭގައި ފިތުނަ ފަސާދަ އުފައްދައި ބައިބައި ކޮށްލުމަކީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ރޭވިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕާއި އާންމު މެމްބަރުންތިބީ ހުށަ ހަޅާ ހުށަހެޅުމަކަށް ކުރިމަތި ކުރަމުންދާ ނުފޫޒަކަށް ބޯލަބާ ގޮތަކަށް ނޫންކަމަށާއި، އިދިކޮޅުގެ ހުރިހާވެސް އަމާޒަކީ ރައީސް ޔާމީން މިނިވަންކަންކޮށް ކައުންސިލް އިންތިޚާބު ބޮޑުތަނުން ކާމިޔާބް ކުރުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ޤައުު އޮތް ހާލަތުން ރައީސް ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ނޫން ޗޮއިސްއެއް މިޤައުމުގެ އެއްވެސް ރައްޔިތަކަށް ނެތްކަމަށެވެ. ރައްޔިތުން އެދޭފަދަ ތަރައްޤީއާއި ކުރިއެރުން މިޤައުމަށް ގެނެވެން އޮތީ ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ