އދ.ގެ މަޖިލީހުގައި ފަލަސްތީނު ދައުލަތް ކަމަށް ބަލައިގަތުމަށް އޮސްޓްރޭލިއާ ތައްޔާރުވަނީ

އދ.ގެ މަޖިލީހުގައި ފަލަސްތީނު ދައުލަތް ކަމަށް ބަލައިގަތުމަށް އޮސްޓްރޭލިއާ ތައްޔާރުވަނީ

Author
ހުސައިން
11 އޮގަސްޓް 2025 02:41
0

އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގަންނާނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވެއްޖެ އެވެ. މި ނިންމުމަށް އޮސްޓްރޭލިއާ ވާސިލުވީ އިނގިރޭސިވިލާތް، ފްރާންސް، ނިއުޒީލެންޑް އަދި ޖަޕާނުގެ ގައުމުތަކާ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށް އަލްބަނީޒް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ބުނެފައިވަނީ، ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން އޮސްޓްރޭލިއާއަށް ޔަގީންކަންތަކެއް ދީފައިވާ ކަމަށެވެ. މި ޔަގީންކަންތަކުގެ ތެރޭގައި ހަތިޔާރު ނައްތާލުމާއި، އާންމު އިންތިހާބެއް ބާއްވައި، އިޒްރޭލުގެ ދައުލަތް އޮތުމުގެ ހައްގު ބަލައިގަތުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މެދުއިރުމަތީގެ ކުރިއަށް ދާނެ ގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން އަލްބަނީޒް ވިދާޅުވީ "ދެ ދައުލަތުގެ ހައްލަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސައިކަލް ރޫޅާލައި، ގާޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ތަކުލީފުތަކާއި ބަނޑުހައިހޫނުކަން ނިމުމަކަށް ގެނައުމަށް އިންސާނިއްޔަތަށް އޮތް އެންމެ ރަނގަޅު އުއްމީދު" ކަމަށެވެ.

ގާޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިޒްރޭލަށް މިހާރު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް އިޒްރޭލުން ދަނީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަކީ ޓެރަރިޒަމަށް ދޭ އިނާމެއް ކަމަށް ބުނަމުންނެވެ.

ގާޒާގައި އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަން ފާހަގަކުރެވެ އެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބަނޑުހައިހޫނުކަމާއި ނިއުޓްރިޝަންގެ މައްސަލަތަކުގެ ސަބަބުން ފަސް މީހަކު މަރުވެފައިވާ އިރު، މިހާތަނަށް ބަނޑުހައިހޫނުކަމުގައި 217 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުނެ އެވެ.

2023 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން މިހާތަނަށް 61،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ. މި ހާލަތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ދެ ދައުލަތުގެ ހައްލަކަށް ގޮވާލަމުން، މެދުއިރުމަތީގައި ދާއިމީ ސުލްހައެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.