އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އަނބިކަނބަލުން މެލަނިޔާ ޓްރަމްޕް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ހެޔޮދުޢާ ފޮނުއްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހެޔޮދުޢާ ފޮނުއްވާ ކުރެއްވި ޓުވީޓެއްގައި ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ރައީސް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާއަށް އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ފަރާތުން ހެޔޮ ދުއާ ފޮނުއްވާކަމަށެވެ. އަދި ޓްރަމްޕްގެ ދެ ކަނބަލުން ކޯވިޑް-19 އިން ސަލާމަތްވެ އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށެވެ.
ޑޮނަލްޑު ޓްރަންޕުގެ ދެ ކަނބަލުންނަށް ކޯވިޑް ޖެހުނުކަން އިއުލާންކޮށްފައި ވަނީ ޓްރަންޕުގެ އެންމެ އަރިސް އެއް ފަރާތްކަމުގައިވާ ހޯޕް ހިކްސްއަށް ކޯވިޑް-19 ޖެހުމުން އަމިއްލައަށް އެކަހެރިވެޑައިގަތުމަށް ވިސްނަވަމުން ގެންދަވާކަމަށް ވިދާޅުވެފައިވަނިކޮށެވެ.
ރައީސް ޓްރަންޕުގެ ރަސްމީ އޮފީހުން ހާމަކޮށްފައިވަނީ ޓްރަންޕްގެ ދެ ކަނބަލުންގެ ހާލުކޮޅުވެސް ރަނގަޅުކަމަށެވެ. ރައީސް ޓްރަންޕަކީ ކޯވިޑްގެ ނުރައްކާ ކުޑަކަން ދައްކަވަން ފެށުނީއްސުރެ މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މިއީ އެމެރިކާގެ ރައީސަކު އޭނާގެ ރިޔާސީ ދައުރުގެ ތެރޭގައި މިފަދަ ނުރައްކާތެރި ބައްޔަކާއި ކުރިމަތިލަންވަން ޖެހިވަޑައިގެންނެވި ފުރަތަމަ ފަހަރުއެވެ. އުމުރުފުޅުން 74 އަހަރުގެ ޓްރަންޕް ވެގެންދާނީ މި ބަލިމަޑުކަމުގެ އެންމެ ސީރިއަސް ކެޓަގަރީގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅަކަށެވެ.
މިހާތަނަށް އެމެރިކާގައި މި ބަލީގައި ދެ ލައްކަ އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވިކަން އިއުލާންކުރައްވާ ޓްރަންޕް ޓްވިޓަރގައި ލިޔުއްވާފައިވަނީ އޭނާއާއި ފަސްޓްލޭޑީ މެލަނިޔާ ކޯވިޑަށް ޕޮޒިޓިވްވެއްޖެކަމަށެވެ. އަދި ވީހާ އަވަހަކަށް ބަލިން ސަލާމަތްވެވަޑައިގަތުމަށް މަސައްކަތް ފެށުމުގެ ގޮތުން ކަރަންޓީނު ވެވަޑައިގެންވާނަކަމަށެވެ.
މިދިޔަ އަންގާރަދުވަހު އެޤައުމުގައި ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ޓްރަންޕް ވަނީ އޭނާގެ ވާދަވެރި ކެންޑިޑޭޓް ޖޯ ބައިޑަން އަބަދުވެސް މާސްކު އަޅުއްވާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް މަލާމަތްކުރައްވާފައެވެ. ޓްރަންޕް ވިދާޅުވީ ކޯވިޑް ވައިރަސް ދެކެ ބިރުން ޖޯ ބައިޑަން އަބަދު ހުންނަވަނީ އެހެން މީހުންނާއި 20 ފޫޓް ދުރުގައި މާސްކު އަޅުއްވައިގެންކަމަށެވެ. މާސްކު އެޅުއްވުމަށް އޭނާވެސް ދެކޮޅު ނުހަދައްވާކަމަށާއި އެހެންނަނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި މާސްކު އެޅުއްވޭގޮތަށް އަބަދުވެސް އަތްޕުޅުގައި މާސްކު ގެންގުޅުއްވާކަމަށްވެސް ޓްރަންޕް ވަނީ ވިދާޅުވެފައެވެ.
ބަލިން ރައްކާތެރިވުމާއި ގުޅޭ ގޮތުން މާސްކު އެޅުމާއި މެދު މީގެކުރިން ޓްރަންޕު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވަމުން ގެންގޮސްފައިވަނީ އެމެރިކާ މީހުންނަކީ މިނިވަން ބައެއްކަމަށާއި އެމީހެއް އިހްތިޔާރުކުރާނެ ގޮތެއް އެނގޭނީ އެމީހަކަށް ކަމަށެވެ.
ބައްޔަށް ޕޮޒިޓިވްވުމުން ރިޔާސީ އިންތިޙާބަށް ކުރައްވަމުން ގެންދެވި ކެމްޕެއިން ދަތުރުތައް ޓްރަންޕު މިހާރުވަނީ ކެންސަލްކުރައްވާފައެވެ. އަދި ޓްރަންޕް އެކަހެރިވެޑައިގަތުމުން ކުރިއަށް އޮތް ރިޔާސީ ބަހުސްތަކަށް ވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.