ފުޓުބޯޅަ ސްކޫލް ހިންގުމަށް ހުޅުމާލެ 1 އިން ދޫކޮށްފައިވާ ބިމާއި މާފަންނު ސްޓޭޑިއަމްގެ ހުޅަނގު އުތުރުގައި ހުރި ބިމުގައި އިތުރު އިމާރާތް ކުރުމުގެ މަސައްކަތް ނުކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އަންގައިފި އެވެ.
މި ދެ ބިން ބޭނުންކުރާ ފަރާތްތަކުން މިހާރު ހުރި އިމާރާތްތަކަށް ބަދަލެއް ނުގެނައުމަށާއި، ބިމުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އިތުރު އިމާރާތް ނުކުރުމަށް އެފްއޭއެމުން މިއަދު ނެރުނު އިއުލާނުގައި އަންގާފައި ވެއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލުގެ ދައުރުގައި މި ދެ ބިމުގެ ބައެއް ސަރަހައްދުތައް ވިޔަފާރީގެ އުސޫލުން އެކި ފަރާތްތަކަށް ކުއްޔަށް ދީފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ފާހަގަކޮށްފައިވެ އެވެ. އަދި ބައެއް ކުންފުނިތަކުން ދިގު މުއްދަތަކަށް ކުލި އެޑްވާންސްކޮށް ދައްކާފައިވި ނަމަވެސް، އެ ފައިސާ އެފްއޭއެމަށް ވަދެފައި ނުވާ ކަމަށް ވެސް ކޮމިޓީން ބުނެފައިވެ އެވެ.
ހުޅުމާލޭގެ ބިން އަސްލުގައި ދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހިލޭސާބަހަށް އިޖުތިމާއީ މަޝްރޫއެއް ހިންގުމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި ވިޔަފާރި އުސޫލުން ބޭނުންކުރުމަށް އެއްބަސްވުން ބަދަލުކުރި އިރު، އެފްއޭއެމުން ކުލި ނުދެއްކުމުން އެޗްޑީސީން މިދިޔަ އަހަރު އެ ބިން އަތުލިއެވެ.
މި ދެ ބިން ކުއްޔަށް ނަގާފައިވާ އަދި ސަބްލީސްކޮށް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އެއްބަސްވުންތަކުގެ ކޮޕީ މި މަހުގެ 24 ވަނަ ދުވަހުގެ 2:30 ގެ ކުރިން އެފްއޭއެމަށް ފޮނުވުމަށް އަންގާފައިވެ އެވެ. ލިޔުންތައް ފޮނުވާނީ [email protected] އަށް ނުވަތަ ގަލޮޅު ދަނޑުގެ ވީއައިޕީ އިމާރާތުގައި ހުރި އެފްއޭއެމްގެ ވަގުތީ އޮފީހަށެވެ.
ކޮމެންޓު ފޮނުވާ