މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި ދިމާވި ކަރަންޓް ކެނޑުމުގެ ބޮޑު މައްސަލައާ ގުޅޭގޮތުން ފުލުހުން ހިންގަމުންދާ ތަހުގީގުގައި އިބްތިދާއީ މަރުހަލާގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ފުރިހަމަވެފައިވާކަމަށް މިއަދު ފުލުހުން ހާމަކޮށްފިއެވެ.
ޖޫން މަހުގެ 1 ވަނަ ދުވަހު ހިނގި މި ހާދިސާއަކީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އެންމެ ދިގު މުއްދަތަކަށް ކަރަންޓް ކެނޑިފައިވާ ހާދިސާއެވެ. އެދުވަހު މެންދުރުފަހު ކަރަންޓް ކެނޑި، ބައެއް ސަރަހައްދުތަކަށް ކަރަންޓް އަލުން ލިބެން ފެށީ އެރޭގެ ވަރަށް ފަހުންނެވެ. މާލެ އާއި ހުޅުމާލެ ސަރަހައްދުގެ އެންމެހައި ތަންތަނުން ކަރަންޓް ކެނޑުމުން ރައްޔިތުންނަށް ދިމާވި ދަތިތަކާއެކު، މި މައްސަލަ ތަކުރާރު ނުވާނެގޮތް ހެދުމަށްޓަކައި ފުޅާދާއިރާއެއްގައި ތަހުގީގެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމުރުކުރެއްވިއެވެ.
ފުލުހުންގެ ފަރާތުން ވިދާޅުވީ، މިހާރު އެއްކުރެވިފައިވާ އިބްތިދާއީ މަޢުލޫމާތުތައް ދިރާސާކޮށް، މައްސަލައިގެ ތަފްސީލުތައް ބެލުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މީގެ އިތުރުން، ތަހުގީގުގެ އެންމެހައި މަރުހަލާތައް ނިމުމުން، ފާހަގަކުރެވުނު މުހިންމު ކަންތައްތަކާއި ހޯދުންތައް އާންމުކޮށް ހިއްސާކުރާނެކަމަށް ފުލުހުން ޔަގީންދީފައިވެއެވެ.
މި ހާދިސާއަކީ ރާއްޖޭގެ ވެރިރަށުގެ ކަރަންޓު ނިޒާމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ސުވާލުތައް އުފައްދާ ހާދިސާއެއްކަމުން، ތަހުގީގުގެ ނަތީޖާތަކަށް ގިނަބަޔަކު ބަލަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ