ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާ ގުޅިގެން މާދަމާ މާލޭގެ އެކި ސަރަހައްދުތަކުން ތިން ވަގުތެއްގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ފުރަތަމަ ފަހަރަށް ކަރަންޓު ކެނޑޭނީ ހެނދުނު 10:00 އާއި 10:30 އާ ދެމެދުގައެވެ. މި ވަގުތުގައި ކަރަންޓު ކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ފާށަނާކިލެގެ މަގު، އަލިކިލެގެފާނު މަގު، ބަނަފްސާ ގޯޅި، ބޮޑުފުޅަށް ގޯޅި، ބޮޑުރަސްގެފާނު މަގު، ހަލަވެލި ގޯޅި، ހަނދުވަރުދޭ ހިނގުން، ހެލެނބެލި ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު، ނިޔަނދުރު ގޯޅި، ރަށްދެބައި މަގު، ރަތްވިލާ މަގު، ސަބުދެރިޔާ މަގު އަދި ސަހަރާ މަގު ހިމެނެ އެވެ.
ދެވަނަ ފަހަރަށް ބޮޑުފުޅަށް ގޯޅީގައި ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް ނުލިބޭނެ އެވެ. ތިންވަނަ ފަހަރަށް މުނިޔާ މަގު އަދި ޝާއިރު ވަރުދީ ސަރަހައްދުން މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓު ކެނޑިދާނެ އެވެ.
ސްޓެލްކޯގެ ފަރާތުން ބުނެފައިވަނީ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާތީ މި ވަގުތީ މެދުކެނޑުންތައް ދިމާވާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ކުންފުނިން މާފަށް އެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކުންފުނިން ދަނީ މާލޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ