ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް ދޫކުރަނީ

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް ދޫކުރަނީ

Author
އަހުމަދު
05 އޮގަސްޓް 2025 09:49
0

ސްރީލަންކާ ސަރުކާރުން މިއަދުން ފެށިގެން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ނިންމައިފި އެވެ. ސްޕައުސް ވިސާ ދޫކުރާނީ ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމަކަށް ވެފައި، ޞިއްޙީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޤައުމެއް ކަމުން، މި ބަދަލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ގޮތުން ކުރިމަތިވަމުންދިޔަ ދަތިތަކަށް ލުއިފަސޭހަ ޙައްލެއް ލިބިގެންދާނެ އެވެ.

މި ވިސާތަކަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި ވަރަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ. ޚާއްޞަކޮށް ސެކިއުރިޓީ ކްލިއަރެންސްއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި އިތުރު ސަމާލުކަމެއް ދޭން ޖެހޭކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ވިސާއަށް އެދޭ ފަރާތެއްގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެ ނަމަ، އެކަމުގެ ސަބަބުން ވިސާ ބާޠިލުވުން ނުވަތަ ވިސާ ނުލިބުން ފަދަ ނޭދެވޭ ނަތީޖާތައް ކުރިމަތިވެދާނެކަމަށް ސްރީލަންކާ ސަރުކާރުން ބުނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ. އެހެންކަމުން މި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ދިވެހި ރައްޔިތުންނަށް އިރުޝާދު ދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.