ޝުޖާއުގެ ކުންފުނިތަކާ ގުޅޭ އެފްއައިޔޫ ރިޕޯޓްގެ ސައްހަކަން ޔަގީންނެއް ނޫން: ޝުޖާއު

ޝުޖާއުގެ ކުންފުނިތަކާ ގުޅޭ އެފްއައިޔޫ ރިޕޯޓްގެ ސައްހަކަން ޔަގީންނެއް ނޫން: ޝުޖާއު

Author
ހުސައިން
02 އޮގަސްޓް 2025 10:09
0

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު ދޮގުކޮށް، އެ ރިޕޯޓުގެ ސައްހަކަން ޔަގީންނުވާ ކަމަށް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވި އެ ރިޕޯޓުގައި ތަހުގީގު ކޮށްފައިވަނީ ޝުޖާއުގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒް އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު އަހްމަދު އަދުހަމްގެ ހިއްސާ އޮންނަ ކުންފުނިތަކުން ކޮށްފައިވާ މުއާމަލާތްތަކެވެ. އޭގެ ތެރޭގައި އޮފިޝަލް އިވެންޓްސް، ސްވޯން ފެމިލީ، ސްޓޯ ޕްރޯސް ޓްރޭޑިން، ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް ހިމެނެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރިން 2023 ނޮވެމްބަރު 13ގައި ރައީސް މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސިވެކަށް ދެއްކި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކޮށްފައިވަނީ އޮފިޝަލް އިވެންޓްސްއަށެވެ. އަދި ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އާއި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް ކޮމިޓްމަންޓް ފީގެ ގޮތުގައި ކަމަށް ރިޕޯޓުގައި ވެ އެވެ. ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ އެވެ.

އެކްސްގައި ކުރެއްވި ޓުވީޓެއްގައި ޝުޖާއު ވިދާޅުވީ އޭނާގެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި، އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.

"އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބުކުރި ގޮތާއި އެ މަސައްކަތް ކުރި ގޮތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ނުވަތަ ގަސްދުގައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމުގައި ދެކެމެވެ،" ޝުޖާއު ވިދާޅުވި އެވެ.

އޮފިޝަލް އިވެންޓްސްއަކީ ކުރީގެ ރައީސް ޔާމީން، ރައީސް ސޯލިހު އަދި މި ސަރުކާރުގައި ވެސް ކާމިޔާބު ގިނަ މަޝްރޫއުތަކެއް ހިންގި ކުންފުންޏެއް ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ. މިފަދަ މަސައްކަތްތަކުގެ ބިޑުތައް އޭނާގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ރަނގަޅުވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާ އެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމަކީ އޭނާގެ އުންމީދެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިއަދާ ހަމައަށް އައިއިރު އޭނާ އާއި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން ކަމެއް ސާފުކޮށް މައްސަލައެއް ނުބަލާ ކަމަށާއި، ބަލަން ޖެހޭ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. މައްސަލައެއް އޮތް ނަމަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަން ވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިފަދަ ހަގީގަތެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އަޅުގަނޑު ކުރާ ސިޔާސީ މަސައްކަތް ހުއްޓޭނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމުގައި ދަންނަވަމެވެ،" ޝުޖާއު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.