ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ. އަދި މުވައްޒަފުންނަށް ރަސްމީ ގަޑީގައި އެމީހުންގެ މަސައްކަތްތައް ނިންމުން ކަމަށް އޭނާ އިލްތިމާސް ކުރައްވައިފިއެވެ.
ލޯކަލް ގަވަމެންޓު މިނިސްޓްރީގެ "އަހަރު މެދު މުރާޖައާ" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާސިހު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގަތް ފަދައިން ސިވިލް ސާވެންޓުންނާއި ކައުންސިލް މުވައްޒަފުންގެ މުސާރަ މި އަހަރު ތެރޭގައި ބޮޑުވެގެންދާނެއެވެ.
ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ އެއް އުސޫލަކަށް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ދަށުން، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފެބްރުއަރީ މަހު ވައުދުވެވަޑައިގެންނެވިއެވެ.
މި ވައުދު ފުއްދެވުމަށްޓަކައި ޕޭ ކޮމިޝަނާއި ކަމާބެހޭ އެހެން ދައުލަތުގެ އިދާރާތަކާ މަޝްވަރާތައް ފެށިފައިވާ ކަމަށް ނާސިހު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް މި މަސައްކަތްތައް ނިމި، ރައީސުލްޖުމްހޫރިއްޔާގެ ވައުދާ އެއްގޮތަށް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން ދެއްވުމާއެކު، ނާސިހު މުވައްޒަފުންނަށް ނަސޭހަތްތެރިވެވަޑައިގަތީ ޑިއުޓީ ގަޑީގައި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ނިންމުމަށެވެ. "ޑިއުޓީ ގަޑީގައި މަސައްކަތް ނުކޮށް، އޯވާޓައިމް ހޯދުމަށް މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރަސްމީ ގަޑީގައި މަސައްކަތް ނުނިންމައި، ފަހުން އޯވާޓައިމް ހޯދުމަށް ބައެއް މުވައްޒަފުން ކުރާ ކަންތައްތަކަށް އިޝާރާތްކުރައްވައި ދެއްވި ނަސޭހަތެކެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށް ކުރިން ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން ކުރީ ސަރުކާރުގައި ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލުތައް ގެނެސް، އެ މުވައްޒަފުން ޕޭ ފްރޭމްވޯކަށް އިތުރުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ