ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިޤް (ޓޮމް) މިއަދު އިންތިޚާބުވެއްޖެއެވެ. މާލޭގެ މީރުމާ ހޮޓެލުގައި ބޭއްވުނު އެފްއޭއެމްގެ ޖަލްސާގައި ބައިވެރިވި 23 ކުލަބުގެ އިއްތިފާޤުން ތާރިޤް މި މަޤާމަށް ހޮވިފައިވަނީ އޭނާއާ ވާދަކުރާ އެހެން ކެންޑިޑޭޓެއް ނެތުމުންނެވެ.
މި އިންތިޚާބު ބޭއްވިފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ފާސްކުރެވުނު އެފްއޭއެމްގެ އާ އަސާސީ ޤަވާޢިދުގެ ދަށުންނެވެ. ޖަލްސާގައި ތާރިޤް ހުށަހެޅި ހިންގާ ކޮމިޓީއަށް ވެސް ކުލަބުތަކުން ވަނީ އިއްތިފާޤުން ރުހުން ދީފައެވެ.
ތާރިޤް އެކުލަވާލި ހިންގާ ކޮމިޓީގައި ތިން ނައިބު ރައީސުން ހިމެނޭއިރު، އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ބޯޑު މެންބަރު އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ނައިބު ރައީސް ޢަލީ އިބްރާހީމް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ޙުސައިން ޝާފިޢު (ކޮއްކީ) އެވެ. ޙުސައިން ޝާފިޢުއަކީ ކުރިން ވެސް އެފްއޭއެމްގެ ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅެކެވެ.
ހިންގާ ކޮމިޓީގައި ހިމެނޭ އެހެން މެންބަރުންގެ ގޮތުގައި ޓީސީ ސްޕޯޓްސް ކުލަބުގެ އަޙްމަދު ޢައްބާސް، ބީޖީ ސްޕޯޓްސް ކުލަބުގެ ޢަލީ ރިޟްވާން، އޮޑި ސްޕޯޓްސް ކުލަބުގެ ޢަބްދުﷲ ނާޞިޙް، ޤައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޢިމްރާން މުޙައްމަދު އަދި ޤައުމީ ޓީމަށް ކުޅުނު މުޙައްމަދު ޢުމައިރު ތިއްބެވެއެވެ. އަންހެން މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޙައްވާ ނަސްރާ ސަޢީދާއި ޙައްވާ ރަޝީދާއެވެ.
އެފްއޭއެމްގެ އާ ވެރިކަމުގެ ދަށުން ދިވެހި ފުޓްބޯޅައަށް އާ ރޫޙެއް ގެނެސް، ޤައުމީ އަދި ކުލަބު ފެންވަރުގައި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދުކުރެވޭއިރު، ތާރިޤްގެ ޓީމަށް ކުލަބުތަކުން ދެއްކި އިއްތިފާޤުން މި އުއްމީދު އިތުރަށް ވަރުގަދަވެއެވެ.
ކޮމެންޓު ފޮނުވާ