ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ތާރީޚީ ރަސްމިއްޔާތު ފާހަގަކުރީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯއަކާއި ހަވާއި އެރުވުމުގެ ޚާއްސަ ހަފްލާއަކާ އެކުގައެވެ.
457 މިލިއަން ޑޮލަރު ނުވަތަ 7 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން އެޅި މި ޓާމިނަލަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢެވެ. 2016 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ މަސައްކަތް ނިމުނީ ނުވަ އަހަރު ފަހުންނެވެ.
ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނެހެން ޑިޒައިންކޮށްފައިވާ މި ޓާމިނަލުގެ ބޭރުގައި ހިރިގަލުގެ ފަންނުވެރި ކެނޑުންތައް ފެންނާން ހުރެއެވެ. 120,000 އަކަފޫޓުގެ ބޮޑުމިނުގައި ހެދިފައިވާ މި ޓާމިނަލުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަނޑުގެ މަންޒަރުތަކާއި ރަށްތަކުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ކުލަތަކާއި ޑިޒައިންތައް ބޭނުންކޮށްފައިވެއެވެ.
ޑްރޯން ޝޯގައި ރާއްޖޭގެ މިނިވަންކަމުގެ ތާރީޚާ ގުޅުންހުރި މަންޒަރުތައް ދައްކުވައި، މާލޭގެ 19 ދިމާލަކުން ހަވާއި އަރުވައި އުދަރެސް ކުލަވަރު ކޮށްލިއެވެ. މި ޝޯއަކީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޑްރޯން ޕަރފޯމަންސްކަން ފާހަގަ ކޮށްލެވެއެވެ.
ޓާމިނަލުގެ ފުރަތަމަ ފަންގިފިލާގައި 47 ޗެކިން ކައުންޓަރާއި 6 ސެލްފް ޗެކިން ކިއޯސްކް ގާއިމުކޮށްފައިވެއެވެ. ކުރީގެ ޓާމިނަލާ ޚިލާފަށް ފަސިންޖަރުން ފުރަތަމަ ދާނީ ސީދާ ޗެކިން ކައުންޓަރުތަކަށް ކަމަށްވާތީ، ޚިދުމަތް ލިބިގަތުމުގައި 30 ޕަސެންޓް އަވަސްވާނެ ކަމަށް އަންދާޒާކުރެވެއެވެ.
ދެވަނަ ފަންގިފިލާގައި ސެކިއުރިޓީ ސްކްރީނިންގާއި 38 އިމިގްރޭޝަން ކައުންޓަރު ހިމެނެއެވެ. އިމިގްރޭޝަން ނިންމާލުމަށްފަހު ފަސިންޖަރުން ވަންނާނީ "އިމަރސިވް ޓަނަލް" މެދުވެރިކޮށް ޑިއުޓީ ފްރީ ޝޮޕިންގ އޭރިއާއަށެވެ.
4,000 އަކަފޫޓުގެ ޑިއުޓީ ފްރީ ސަރަހައްދުގައި ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑުތަކުގެ މުދާ ވިއްކާނެއެވެ. މީގެ އިތުރުން ކެފޭތަކާއި ރެސްޓޯރަންޓުތައް ވެސް ހިމެނެއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 12 އެއަރޯ ބްރިޖް ގާއިމުކޮށްފައިވާތީ، ފަސިންޖަރުންނަށް ސީދާ ބޯޓަށް އެރުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. މިއީ ބޮޑެތި އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ބޭނުންކުރާ ޒަމާނީ ވަސީލަތެކެވެ.
ބެގޭޖު ހޭންޑްލިންގ ސިސްޓަމްގައި 5 ބެގޭޖު ބެލްޓާއި އޯވަސައިޒް ލަގޭޖަށް ޚާއްސަ ބެލްޓެއް ހިމެނެއެވެ. އޮޓޮމެޓިކް ބެގޭޖު ސްކްރީނިންގ ސިސްޓަމް ބޭނުންކޮށްގެން ސެކިއުރިޓީ ރަނގަޅުކޮށްފައިވެއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކަށް މިހާރުން ފެށިގެން މި ޓާމިނަލުން ޚިދުމަތް ދޭން ފަށާނެއެވެ. ސެޕްޓެމްބަރު މަހާ ހަމައަށް ވެލާނާއ އެއަރޕޯތަށ ްއަންނަ 34 އެއާލައިނަށް ވެސް މި ޓާމިނަލުން ޚިދުމަތް ދެވޭނެއެވެ.
އެމްއޭސީއެލްގެ ލަފާކުރާ ގޮތުގައި މި ޓާމިނަލާއެކު ކުންފުނީގެ އާމްދަނީ ފުރަތަމަ އަހަރު 7-8 ޕަސެންޓް އިތުރުވެ، ދެވަނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. މިއީ ޕީކް ވަގުތުތަކުގައި އިތުރު ފްލައިޓުތަކަށް ފުރުޞަތު ދެވި، ޑިއުޓީ ފްރީ ވިޔަފާރި ފުޅާވުމުން ލިބޭނެ ފައިދާއެވެ.
ކޮމެންޓު ފޮނުވާ