އާ ހިދުމަތްތަކާއި އެކު އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް އަލުން ލޯންޗުކޮށްފި

އާ ހިދުމަތްތަކާއި އެކު އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް އަލުން ލޯންޗުކޮށްފި

Author
ހުސައިން
20 ޖުލައި 2025 05:44
0

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފަސޭހަކަމާއެކު ލިބިގަނެވޭނެ ގޮތަށް ބޮޑެތި ބަދަލުތަކަކާއެކު އެ ކުންފުނީގެ "މައި އެމްޑަބްލިއުއެސްސީ" އެޕް އަލުން އިފްތިތާހުކޮށްފިއެވެ.

އެޕް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެޕް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި ޗެއަރޕާސަން ޝަމްޙޫޒާ އަޙުމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ބޯޑު މެންބަރުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ މަތީން ވިދާޅުވި ގޮތުގައި، "މި އެޕަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ލުއިފަސޭހަ ކަމާއެކު ޚިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ގެނެވުނު ބަދަލެކެވެ."

އަލުން އާންމުކުރެވުނު އެޕްގައި ހިމެނޭ އައު ޚިދުމަތްތަކުގެ ތެރޭގައި، އޮންލައިންކޮށް އެޕްލިކޭޝަން ފުރުމަށްފަހު ހުށަހެޅުމާއި، ހުށަހަޅާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އެޕްގެ ޚިދުމަތް ލިބޭނީ އީ-ފާސް ނިޒާމު މެދުވެރިކޮށެވެ.

މަތީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އެޕަށް ގެނެވުނު ބަދަލުތަކަކީ "މޯލްޑިވްސް 2.0″ ގެ ދަށުން ކުންފުނިން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ. މި ބަދަލުތަކާއެކު ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ލިބިގަތުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.