ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނައިބު ރައީސް އަލްއުސްތާޒު އިބްރާހިމް ޝަމީލްގެ މައްޗަށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ، ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމުގެ ތުހުމަތުގައި ވަކީލު އަލްއުސްތާޒު ޝިހާދު އިބްރާހިމް ވަނީ ބާ ކައުންސިލުގެ ރައީސް އަލްއުސްތާޒު ހުސެއިން ސިރާޖުއަށް ސިޓީއަކުން މައްސަލައެއް ހުށަހަޅާފައެވެ.
މި މައްސަލަ އުފެދުނީ ޖުލައި 19 ވަނަ ދުވަހުގެ ރޭ "ވަކީލުންގެ މާލަން" ނަމުގައި ވަކީލުން ރަސްމީކޮށް ބޭނުންކުރާ ޓެލެގްރާމް ގްރޫޕެއްގައި ހިނގި ކަމަކާ ގުޅިގެންނެވެ. އެ ރޭ 19:47 ގައި ޝިހާދު އިބްރާހިމް އެ ގްރޫޕުގައި ބޭރު ގައުމެއްގައި ކުޅެފައިވާ "ލީގަލް ޑްރާމާ"އެއްގެ ވީޑިއޯ ކޮޅެއް ޕޯސްޓުކުރި އިރު، އޭނާ ބުނި ގޮތުގައި އެ މެސެޖުން "ހާފިޒި" ކިޔާ ވަކީލަކަށް ނުވަތަ އެހެން ފަރާތަކަށް ފުރައްސާރައެއް ނުކުރާ ކަމަށާއި، އެއީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ.
އެހެންނަމަވެސް، އެ މެސެޖާ ގުޅިގެން ގްރޫޕުގެ މެމްބަރަކު ބާ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝަމީލު ޓެގްކޮށް، ޝިހާދު ފޮނުވި މެސެޖަކީ ފިޔަވަޅު އެޅޭފަދަ މެސެޖެއް ކަމަށް ބުނެ މެސެޖެއް ފޮނުވިއެވެ. މިކަން ހިނގާތާ ހަމައެކަނި 8 މިނިޓު ފަހުން، ރޭގަނޑު 19:55 ގައި، ބާ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝަމީލު އެ ގްރޫޕުގައި ބާ ކައުންސިލުން މި މައްސަލަ ބަލާނެ ކަމަށް ޖަވާބުދެއްވިއެވެ.
ޝިހާދު އިބްރާހިމް ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ބާ ކައުންސިލުން ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލާނީ ވަކި ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން، ވަކި އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހުގައެވެ. އެގޮތުން މައްސަލައެއް ބެލޭނީ ޝަކުވާއެއް ހުށަހެޅުމުން ނުވަތަ ބާ ކައުންސިލުގެ އިސްނެގުމުން، ޝަކުވާ ދަފްތަރުކޮށް، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކުން ގޮތެއް ނިންމުމަށްފަހުގައި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ޝިހާދު ބުނާ ގޮތުގައި 8 މިނިޓުގެ ތެރޭގައި ބާ ކައުންސިލުގެ ސެކްރެޓޭރިއަޓުން މައްސަލައެއް ދަފްތަރުކޮށް، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކުން މައްސަލަ ބަލަން ނިންމުމަކީ ބުއްދީގެ ހަމަތަކުން ވިސްނާލިޔަސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ބާ ކައުންސިލުގެ ނިންމުމެއް ނެތި، މުޅި ބާ ކައުންސިލުގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އޭނާއަށް ބިރު ދެއްކި ކަމެއް ކަމަށެވެ.
ޝިހާދު އިބްރާހިމް އޭނާގެ ސިޓީގައި ބުނެފައިވަނީ، މިއީ ބާ ކައުންސިލުގެ ނައިބު ރައީސްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ "ނަޒާހަތްތެރިކަން" ގެއްލޭނެ ފަދަ އަމަލެއް ކަމަށާއި، ނައިބު ރައީސްގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ. އަދި މިއީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާ ހިލާފަށް، އެފަރާތްތަކަށް ލިބިފައިވާ ބާރުތަކުގެ ބޭރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ހިންގި އަމަލެއް ކަމަށް ބުނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން ނައިބު ރައީސާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ.
ޝިހާދު އިބްރާހިމް ތަކުރާރުކޮށް ބުނެފައިވަނީ، މިފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު ނާޅައިފިނަމަ، ބާ ކައުންސިލުގެ ނަމުގައި އެކިއެކި ވަކީލުންނަށް ބިރު ދައްކައި، މުޅި ޝަރުއީ ދާއިރާއަށް އިއާދަ ނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ