ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
20 ޖުލައި 2025 04:50
0

ޒަކާތުގެ ހައްގުވެރިންނަށް ޒަކާތުގެ މަންފާ ފޯރުކޮށްދިނުމަށް ސަރުކާރުން 2024 ޖެނުއަރީ މަހު ގާއިމުކުރި ޒަކާތު ހައުސްއިން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިހާރު މި ދަފުތަރުގައި 2852 މީހުން ރަޖިސްޓްރީވެފައިވާ އިރު، މި ފަރާތްތަކަށް ޒަކާތު ފަންޑުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވެއެވެ.

ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، އެކަމަށް ހާއްސަ ފޯމެއް މެދުވެރިކޮށް ކުރިއަށް ދިއުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. ފޯމު ހުށައަޅާއިރު، އެދޭ ފަރާތުގެ މައުލޫމާތާއި، ދަރީންގެ މައުލޫމާތު، އަދި އާމްދަނީއާއި ހަރަދުތަކާ ބެހޭ ތަފްސީލުތައް ހުށައަޅަންޖެހޭނެއެވެ. މި މައުލޫމާތުތަކުގެ ތަފްސީލް ފޯމާއެކު ހިމެނިފައިވާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

ނިމުނު ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 14.2 މިލިޔަން ރުފިޔާ ޒަކާތު ހައުސްއިން ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން، ހާއްސަ ހާލަތްތައް މެދުވެރިވެގެން ޒަރޫރީ އެހީގެ ގޮތުގައި 12,000 ރުފިޔާ ވެސް ވަނީ ހޭދަކޮށްފައެވެ.

ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވެސް ޒަކާތު ހައުސްއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނައިރު، ޖޫން މަހު އެކަނި 104 މީހަކަށް ބޭސްފަރުވާގެ އެހީ ލިބިފައިވެއެވެ. މި ޚިދުމަތަށް 1.7 މިލިޔަން ރުފިޔާ ހަމަޖައްސައި، އޭގެ ތެރެއިން 1.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ކެންސަރާއި އެނޫން ބޮޑެތި ބަލިތަކުގެ ފަރުވާ މި އެހީގެ ތެރޭގައި ހިމެނެއެވެ.

ޒަކާތުގެ ކަންކަން ހަރުދަނާކޮށް، ހައްގުވެރިންނަށް މަންފާ ފޯރުކޮށްދިނުމުގެ މަގްސަދުގައި ސަރުކާރުން އުފެއްދި މި އިދާރާއިން، ހައްގުވެރި ހުރިހާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފައި ދަފުތަރުގައި ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.