Ad
ޖުމްލަ 982 މިލިއަން ރުފިޔާގެ ސްޓޫޑަންޓް ލޯން ދޫކޮށްފި

ޖުމްލަ 982 މިލިއަން ރުފިޔާގެ ސްޓޫޑަންޓް ލޯން ދޫކޮށްފި

Author
ހުސައިން
20 ޖުލައި 2025 10:14
0

މަތީ ތައުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ދަށުން 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް 982 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިދިޔަ އަހަރާއި މި އަހަރު ޖުމްލަ 982.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މި އަހަރު އެކަނި 282.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މި ފައިސާ ލިބިފައިވަނީ ޖުމްލަ 1،151 ދަރިވަރަކަށް ކަމަށާއި، އޭގެ ތެރޭގައި 543 ފިރިހެން ދަރިވަރުންނާއި 608 އަންހެން ދަރިވަރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަންހެން ދަރިވަރުންގެ ޢަދަދު ފިރިހެން ދަރިވަރުންނަށް ވުރެ ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މި އަހަރު އެކަނި ލޯނު ލިބިފައިވަނީ 274 ދަރިވަރަކަށެވެ. އޭގެ ތެރޭގައި 112 ފިރިހެން ދަރިވަރުންނާއި 162 އަންހެން ދަރިވަރުން ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ސްކީމްގެ ދަށުން ލޯނު ނަގައިގެން ކިޔަވައި ނިންމާ ދަރިވަރުންގެ ޢަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 863 ދަރިވަރުން ގްރެޖުއޭޓްވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުޞަތު ފަހިވެ، ޤައުމުގެ ތަރައްޤީއަށް ތައުލީމީ ޚިދުމަތް ދެވޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ކަން ދައްކުވައިދޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.