ވީއައިއޭގެ އާ ޓާމިނަލަށް ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: ޝަރީފް

ވީއައިއޭގެ އާ ޓާމިނަލަށް ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: ޝަރީފް

Author
ހުސައިން
19 ޖުލައި 2025 09:12
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތަރައްގީކުރުމަށް ބޭރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ ފުރިހަމަ ގާބިލުކަން އެ ކުންފުނީގައި އެބަހުރިކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީ ޝަރީފު ފާހަގަކުރެއްވީ، އޮޑިޓަރ ޖެނެރަލް ފަރާތުން އެމްއޭސީއެލްގެ މާލީ ހިސާބުތައް އާންމުކޮށްފައިވާއިރު، އެ ހިސާބުތައް ވަރަށް ރަނގަޅު ހާލަތެއްގައި އޮތް ކަމަށެވެ. ބޭންކުތަކާއި ފަންޑިން އެޖެންސީތަކުން ލޯނު ދޫކުރާއިރު ކުންފުނީގެ ބެލެންސް ޝީޓާއި ކޭޝް ފްލޯ ތަފްސީލުކޮށް ދިރާސާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީ ޝަރީފު ވިދާޅުވިގޮތުގައި ކުންފުނީގެ މުސްތަގުބަލުގެ މާލީ ޕްރޮޖެކްޝަންތަކަށް ބަލާއިރު، ލޯނުތައް އަނބުރާ ދެއްކުމުގެ ފުރިހަމަ ގާބިލުކަން އެމްއޭސީއެލްގައި ހުރިކަން ސާފުކޮށް ފެންނަމުންދެއެވެ. "ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ، މި ލޯނުތައް ދެއްކުމާ ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް އޮންނާނެ ކަމެއް ނެތް ކަމަށް. އެމްއޭސީއެލްއިން މި ލޯނުތައް ފުރިހަމައަށް އަދާކޮށް ނިންމާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީގެ މަގާމާ ހަވާލުވިއިރު ވީއައިއޭގައި ކާގޯ ޓާމިނަލެއް ހުރި ނަމަވެސް، އެ ފެސިލިޓީ ބޭނުންނުކޮށް ހުރިކަން ޝަރީފު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ކާގޯ ޓާމިނަލް އޮޕަރޭޝަނަލް ހާލަތަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޓުއެއާ ކާގޯ އާއި ޢާންމު ކާގޯ ޚިދުމަތްތައް ފުޅާކުރުމާއި، ފިއުލް ހައިޑްރެންޓް ސިސްޓަމް ބޭނުންކުރަން ފެށުން ހިމެނޭ ގޮތުން އެއާޕޯޓުގެ ވިޔަފާރި ފުޅާކުރުމުގެ އެކި މަސައްކަތްތައް ކުރިއަށްދާކަން އެމްޑީ ހާމަކުރެއްވިއެވެ. އާ ޓާމިނަލާއެކު ޑިއުޓީ ފްރީ އާއި އެފްއެންބީގެ ޚިދުމަތްތައް ފުޅާވެ، އޭގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށްވެސް އޭނާ އުއްމީދުކުރައްވައެވެ.

ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަކުރާ ޖުލައި 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލަކީ 72،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ބިނާކޮށްފައިވާ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ޒަމާނީ ފެސިލިޓީއެކެވެ. މި ޓާމިނަލް ހުޅުވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ބާރަށް ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.