މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް، ހިޔާނާތުގެ ތުހުމަތުގައި ގާތްގަނޑަކަށް އަށް މަސް ދުވަހު ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު އިއްޔެ ވަޒީފާއިން ވަކިކޮށްފިއެވެ.
ޕްރިޒަންސް ކްލަބްގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކި އެކައުންޓްތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭރު ކްލަބްގެ ރައީސަކަށް ވެސް ހުންނެވި އާސިފް ސަސްޕެންޑްކުރީ މިދިޔަ ނޮވެމްބަރު 7 ވަނަ ދުވަހުއެވެ. ސަސްޕެންޝަނުގައި އޭނާ ބެހެއްޓީ މުސާރަ ލިބޭ ގޮތަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކަރެކްޝަންސްއިން ބުނެފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިއްޔެ އާސިފް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން މިދިޔަ އޮގަސްޓު މަހު ޕްރިޒަންސްގެ 35 އޮފިސަރަކު ސޮއިކޮށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ. އެ ޕެޓިޝަނަށް ދެއްވި ޖަވާބުގައި ޒަރީރު ވިދާޅުވެފައިވަނީ އާސިފްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މައްސަލަ ފެންމަތިވުމާއެކު އާސިފް ވަނީ ދެ ޓްރާންސެކްޝަނަކުން ކްލަބްގެ އެކައުންޓަށް 70،000 ރުފިޔާ އަނބުރާ ޖަމާކޮށްފައެވެ. އެހެންނަމަވެސް މައްސަލަ ދިގުލައިގެން ދިޔަތީ، މައްސަލަ އޮއްބާލަން މަސައްކަތްކުރާ ކަމަށް ބުނެ ބައެއް މުވައްޒަފުން އޭރު ކަންބޮޑުވުން ފާޅުކުރިއެވެ.
ކޮމެންޓު ފޮނުވާ