ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އިންޓަނޭޝަނަލް އެއާލައިންތައް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ. މި ކަން އެމްއޭސީއެލްއިން މިއަދު ހާމަކުރީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ކުރަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރަމުންނެވެ.
ކުރިއަށް އޮތް ޖުލައި 26 ވަނަ ދުވަހު ބާއްވާ ކުލަގަދަ ހަފްލާއަކުން އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށްފަހު، ޖުލައި 27 ގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާއެކު އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި އާ ޓާމިނަލަށް އެއާލައިންތައް ބަދަލުކުރާނީ ފަހަރަކު އެއް އެއާލައިނެއްގެ މައްޗަށެވެ. އަދި މި އަހަރުގެ ޓޫރިސްޓް ސީޒަން ފެށުމުގެ ކުރިން، ސެޕްޓެމްބަރު 30 ވަނަ ދުވަހާ ހަމައަށް ހުރިހާ އިންޓަނޭޝަނަލް އެއާލައިންތައް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ބޭނުންކުރަމުންދާ އިންޓަނޭޝަނަލް ޓާމިނަލަށް ވެސް ބަދަލުތަކެއް ގެނެސް، މުސްތަގުބަލުގައި އެ ޓާމިނަލް ޑޮމެސްޓިކް ފްލައިޓްތަކަށް ބޭނުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މުޖުތަބާ ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްގެ އަނެއް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވި ގޮތުގައި އާ ޓާމިނަލާއެކު ފަސިންޖަރުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އޮޓޮމެޓިކް ޗެކިން ސިސްޓަމްތަކާއި، އަވަސް ބެގޭޖް ހެންޑްލިން ސިސްޓަމްތަކާއި، ފަސޭހަކަމާއެކު ބޭނުންކުރެވޭ ބެގޭޖް ކްލެއިމް އޭރިއާތައް ހިމެނޭ ކަމަށް ލަމްއާން ފާހަގަކުރެއްވިއެވެ.
އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ޑިޒައިންކޮށް ތަރައްގީކޮށްފައިވާ، ޒަމާނީ ފެންވަރުގެ ޓާމިނަލެކެވެ. މި ޓާމިނަލް ހުޅުވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތުގެ ފެންވަރު ބޮޑަށް ރަނގަޅުވެ، ފަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ