އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ) އަނިޔާވެރި ގޮތަކަށް މަރާލިތާ ފަސް ދުވަސް ފާއިތުވެފައިވާއިރު، މި މައްސަލައިގެ ތުހުމަތުގައި އަދިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ފުލުހުންގެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަގުތެއްގައި އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ކަމަށްވާ މާހިޔާ ގޭގައި ނިދާފައި އޮތް ހާލުގައި އަބްދުއްރަހުމާނަށް ހަމަލާދީ މަރާލާފައިވެއެވެ.
ފުލުހުންގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ވަގުތު މާޅޮސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، ރަށަށް އަރައިފޭބާ މީހުން މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރަށުގެ ބަނދަރު މަތީގައި ފުލުހަކު ބަހައްޓައިގެން، ރަށަށް އަރައިފޭބާ އެންމެންނަކީ ކާކުކަން ބަލައި ރެކޯޑުކުރަމުން ގެންދާކަމަށް ރަށުގެ ފަރާތަކުން ހާމަކުރިއެވެ.
މި މައްސަލައިގައި ފުލުހުން ކޮށްފައިވާ ތަހުގީގުގެ މަސައްކަތްތަކުގެ ތެރޭގައި، ރަށުގެ އަތިރިމައްޗާއި ގޮނޑުދޮށް އަދި ފަޅުތެރެއިން ބައެއް ސަރަހައްދުތައް ބަލައިފާސްކުރުމާއި، ރަށުގައި ހުރި ދެ ސީސީޓީވީ ކެމެރާގެ ފޫޓޭޖް ހޯދުމާއި، އަބްދުއްރަހުމާންގެ އަވަށްޓެރީންނާ ސުވާލުކުރުން ހިމެނެއެވެ. މީގެ އިތުރުން، މަރުވި މީހާ ފެނިފައިވާ ތަނުގެ ތެރެއަށް ވަދެ އުޅުނު މީހުންގެ ބޮޑީ ސާމްޕަލްތަކާއި ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ކޮށްފައެވެ.
އަބްދުއްރަހުމާންގެ އާއިލާގެ މެންބަރަކު ވިދާޅުވި ގޮތުގައި، ފުލުހުން ތަހުގީގު ކުރަމުންދަނީ ހަމައެކަނި މާހިޔާގެ ކައިރީގައި އުޅުނު މީހުންނާއެކު ކަމަށާއި، އިތުރު ތަންތަން ބަލައިފާސްކުރުމާއި އެހެން މީހުންނާ ސުވާލުކުރުމުގެ މަސައްކަތެއް ނުކުރާކަމަށް ފާހަގަކުރެއްވިއެވެ. މިކަމުން އާއިލާގެ ކަންބޮޑުވުން އިތުރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެސްފައިވާއިރު، އިތުރު ތަހުގީގުތައް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަބްދުއްރަހުމާން ފެނުނުއިރު ބޮލުގެ އަރިމަތިންނާއި ނިތްކުރިމަތިން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި، ލޯމަތި ނޫފައިގެން ހުރިކަމަށް މަރުވި މީހާ ފެނުނު ފަރާތަކުން ހާމަކުރިއެވެ.
މި ވަގުތު ފުލުހުންގެ ތަހުގީގު ޓީމަކާއި ފޮރެންސިކް ޓީމެއް މާޅޮހުގައި ގާއިމުވެ ތިބިކަމަށާއި، މައްސަލަ ރިޕޯޓުކުރި ދުވަހު ރަށަށް ދިޔަ 30 ފުލުހުންގެ ތެރެއިން ބައެއް މިހާރު ވަނީ އަނބުރާ ފުރައިގޮސްފައިކަމަށް މައުލޫމާތު ލިބެއެވެ. މަރުގެ މައްސަލަތަކުގައި ފުލުހުންނަށް އެކަށީގެންވާ ކުރިއެރުމެއް ނުހޯދި، މިހާ ދުވަސްވީއިރުވެސް މީހަކު ހައްޔަރު ނުކުރެވުމުން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާކަމަށް ރަށުގެ ބައެއް މީހުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ