ރާއްޖެއިން ޗާގޯސް ހޯދަން މަސައްކަތް ނުކުރާ ކަމަށް ބުނި ޚަބަރުތައް ފޮރިން މިނިސްޓަރ ދޮގުކޮށްފި

ރާއްޖެއިން ޗާގޯސް ހޯދަން މަސައްކަތް ނުކުރާ ކަމަށް ބުނި ޚަބަރުތައް ފޮރިން މިނިސްޓަރ ދޮގުކޮށްފި

Author
ހުސައިން
16 ޖުލައި 2025 09:38
0

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެ ތަން ހޯދަން ވެސް ނޫޅޭ ކަމަށް، ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާލިމެންޓުގައި ވިދާޅުވި ކަމަށް ބުނާ ހަބަރުތައް، ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލު ދޮގުކުރައްވައިފި އެވެ.

ޗާގޯސް ހޯދަން ރާއްޖެއިން މަސައްކަތް ނުކުރާ ކަމަށް ގީލާ ވިދާޅުވި ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެ ހަބަރުތައް ދޮގުކުރައްވަމުން، ހަލީލު މިއަދު 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގީލާ އަލީ ޔޫރަޕިއަން ޕާލިމެންޓުގައި ދެއްކެވި ވާހަކަތައް ބައެއް ނޫސްތަކުން ރިޕޯޓުކުރީ އޮޅުވާލައިގެން ކަމަށެވެ.

ފޮރިން މިނިސްޓަރ ވިދާޅުވި ގޮތުން، ސަފީރަށް ޔޫރަޕިއަން ޕާލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު ދެކޭ ގޮތެވެ. މި ސުވާލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ގާއިމުވެފައިވާ ކަމަށާއި، އަދި ރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ.

މިނިސްޓަރ ހަލީލު އިތުރަށް ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވަހީގެ ހައްގުތައް ދޫކޮށްލީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. "ހަގީގަތަކީ ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުންނެވެ. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ،" ހަލީލު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.

އިޓްލޮސް އިން ނިންމި ގޮތުން ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. މޮރިޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އެހެންނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ކަނޑު ހޯދުމުގެ މަސައްކަތުގައި އިދިކޮޅުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ވެސް މުނައްވަރެވެ.

ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ. އެކަމަކު އަދި އިޓްލޮސްގެ ނިންމުން މުރާޖައާކުރުމަށް ސަރުކާރުން އަދި ހުށަހަޅާފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.