ކަރަންޓު ކަނޑާލުމާ ގުޅޭ ގަވާއިދުތަކާ މެދު ދޮގު މަޢުލޫމާތު ފެތުރެމުންދާކަމަށް ބުނެ، ކަރަންޓު ކަނޑާލެވޭނީ ތިން ބިލަށްވުރެ ގިނަ ބިލު ނުދައްކައިގެން ހުރުމުން ކަމަށް ބުނާ އެއްވެސް ގަވާއިދެއް ނެތްކަމަށް ސްޓެލްކޯއިން ސާފުކޮށްދީފިއެވެ.
އެކުންފުނިން މިކަން ސާފުކޮށްދިނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި "ހަސަން ކުރުސީ" ނަމުގައި ހިންގާ އެކައުންޓަކުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ވަނީ ސަރުކާރުން ކަރަންޓު ކަނޑާލުމުގެ ސިޔާސަތު ބަދަލުކޮށް، އެއް ބިލު ނުދައްކާ ހުރިނަމަވެސް ކަރަންޓު ކަނޑާލާނެ ކަމަށް ބުނެފައެވެ. މީގެ ކުރިން ނަމަ ތިން ބިލު ނުދައްކާ ހުރުމުން ކަރަންޓު ކަނޑާލާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް މި ޕޯސްޓަށް ރައްދުދެއްވަމުން ވިދާޅުވީ، ކުންފުނީގެ ގަވާއިދުގައި ވަނީ ބިލު ދައްކަންޖެހޭ ތާރީޚު ފާއިތުވުމުން ކަރަންޓު ކަނޑާލުމުގެ ނޯޓިސް ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ނޯޓިސްގައި ދީފައިވާ މުއްދަތު ހަމަވުމަށްފަހު، އެންމެ ބިލެއް ނުދައްކާ ހުރި ކަމުގައި ވީނަމަވެސް ކަރަންޓު ކަނޑާލުމުގެ އިޚްތިޔާރު ސްޓެލްކޯއަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ސްޓެލްކޯއިން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭކަން ވެސް މީޑިއާ އޮފިޝަލް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ބިލު ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމާއި، ބިލުތައް ބަހާލައިގެން ދެއްކޭނެ އިންސްޓޯލްމަންޓް ޕްލޭންތައް ހަމަޖައްސައިދިނުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ފަސޭހަތައް ހޯދައިދެނީ ކަސްޓަމަރުންނަށް ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ