ރައީސް ޔާމިންގެ ވެރިކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޖަލަށްލޯ މައްސަލައިގައި ފޯރުކޮށްދިން ގާނޫނީ ޚިދުމަތުގެ އަގުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ހޯދުމަށް ޕްރިމިއާ ޗެމްބާސްއިން ހައިކޯޓަށް މި ހަފްތާގައި ހުށަހަޅައިފިއެވެ. މިއީ ސިވިލް ކޯޓުން ކުރި ހުކުމެއް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމްގެ ގެއިން ފިސްތޯލެއް ފެނުނު ކަމަށް ބުނެ އޭނާ ހައްޔަރުކޮށް 11 އަހަރަށް ޖަލަށްލި މައްސަލައިގައި، ހުކުމް އިސްތިއުނާފު ކުރުމަށް ޕްރިމިއާ ޗެމްބާސްއިން ކުރި މަސައްކަތަށް 977،353 ރުފިޔާ އާއި ޖޫރިމަނާ ހިމަނައިގެން ޖުމްލަ 1.3 މިލިއަން ރުފިޔާ ދެއްކުމަށް އެ ލޯ ފާމުން އަންގާފައިވެއެވެ.
ނަމަވެސް މި ފައިސާއަކީ ނާޒިމް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ. ސިވިލް ކޯޓުގައި ނާޒިމްގެ ފަރާތުން ދައްކާފައިވަނީ، ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޕްރިމިއާ ޗެމްބާސްގެ ކިބައިން އެދިފައިނުވާ ކަމަށާއި، ގާނޫނީ ޚިދުމަތުގެ އަގާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ވުޖޫދުގައި ނެތް ކަމަށެވެ.
ޕްރިމިއާ ޗެމްބާސްއިން ނާޒިމަށް ފައިސާ ދެއްކުމަށް ހަތަރު އިންވޮއިސް ފޮނުވާފައިވިޔަސް، އެ އިންވޮއިސްތަކާ ގުޅިގެން ނާޒިމްގެ ފަރާތުން ފޮނުވި ސިޓީގައި ވަނީ އެއީ ރުހުން ލިބިފައިނެތް އަގެއް ކަމަށް ބަޔާންކޮށް، އެ ފައިސާ ދެވެން ނެތްކަމަށް އަންގާފައެވެ.
ގާޒީ ފައްޔާޒް ޝާތިރު ސިވިލް ކޯޓުގައި ހުކުމް ކުރެއްވި ގޮތުގައި، ދެފަރާތުގެ މެދުގައި ގާނޫނީ ޚިދުމަތުގެ އަގާމެދު ވަކި އެއްބަސްވުމެއް ނެތުމުން، އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަން ސާބިތުވާން ނެތެވެ.
ފެބްރުއަރީ 10، 2015 ގައި ގ. އެނިފްގޭގައި އުޅުއްވި ކޮޓަރިން ހަނގުރާމަވެރި ހަތިޔާރެއް ފެނުނު ކަމަށް ބުނެ ނާޒިމް ހައްޔަރުކުރި އިރު، އެ މައްސަލައިގައި މާޗް 27، 2015 ގައި 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރީ ވަކީލް ޝާހީން ހަމީދާއި ވަކީލް މައުމޫން ހަމީދު އަދި ހަސަން މާޒް ޝަރީފް ހިއްސާވާ ޕްރިމިއާ ޗެމްބާސްއިންނެވެ. އެހެންނަމަވެސް ހައިކޯޓާ ހިސާބުން ނާޒިމް ވަނީ އެ ލޯ ފާމު ދޫކޮށްލައްވާފައެވެ.
2016 ވަނަ އަހަރު ހައިކޯޓުން ނާޒިމުގެ ހުކުމް ދެމެހެއްޓުމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް އޭރު ބަލައިނުގަނެވުނެވެ. ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހު ޑިސެމްބަރު 13، 2018 ގައި ސުޕްރީމް ކޯޓުން ވަނީ މައްސަލަ ރިވިއުކޮށް ޖަލު ހުކުމް ބާތިލްކޮށްފައެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަޤާމުގައި ނާޒިމް މިހާރު ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ