ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ތިއްބެވި ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުށަހަޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ. މި މައްސަލަ ކޮމިޓީއަށް ފޮނުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ނިއުމާތު ޝަފީގު ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި މަގާމަށް މީހަކު އައްޔަންކުރަނީ ފަސް އަހަރުގެ މުއްދަތަށް ކަމުން، ނިއުމާތުގެ މަގާމުގެ މުއްދަތު މި މަހުގެ 23 ވަނަ ދުވަހު ހަމަވާނެ އެވެ.
މި ސަބަބާހުރެ ރައީސުލްޖުމްހޫރިއްޔާ ވަނީ ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ މިނިވަން މުސްތަގިއްލު މަގާމެކެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރާ ފަރާތަށް މަހެއްގެ މައްޗަށް 35،000 ރުފިޔާގެ މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމީ 2020 ވަނަ އަހަރުގެ މޭ މަހުގައެވެ. ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ އޮފީހެކެވެ.
ކޮމެންޓު ފޮނުވާ