އދ.ގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަނީ

އދ.ގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަނީ

Author
ހުސައިން
13 ޖުލައި 2025 08:15
0

ފަލަސްތީނާއި އިޒްރޭލަށް ވަކިވަކި މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ގޮތުން އދ.ގެ މައި އޮފީހުގައި ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޑިޕްލޮމެޓިކް ފަރާތްތަކުން ބުނެފިއެވެ. މި ބައްދަލުވުން އޮންނާނީ މި މަހުގެ 28 އާއި 29 ވަނަ ދުވަހު ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

މި ބައްދަލުވުން ބޭއްވުމަށް އެންމެ ފުރަތަމަ ހަމަޖެހުނީ ފާއިތުވި މަހުގެ މެދުތެރޭގަ އެވެ. ނަމަވެސް އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން އެ ބައްދަލުވުން ފަސްކުރަން ޖެހުނެވެ.

އޭއެފްޕީ ނިއުސް އެޖެންސީއާ ވާހަކަދެއްކި ޑިޕްލޮމެޓިކް މަސްދަރުތަކުން ވަނީ ބައްދަލުވުން އަލުން ޝެޑިއުލްކޮށްފައިވާ ކަން ޔަގީންކޮށްދީފަ އެވެ. އެހެންނަމަވެސް ބައްދަލުވުމުގެ އެޖެންޑާއަށް އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ އާއި ބައްދަލުވުމުގައި ކޮން ފަރާތްތަކެއް ބައިވެރިވާނެ ކަމާމެދު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ ދަށުން ބާއްވާ މި މުހިންމު ބައްދަލުވުމުގެ ކޯ-ޗެއާމަންޝިޕް ބަލަހައްޓަނީ ފަރަންސޭސި ވިލާތާއި ސައޫދީ އަރަބިއްޔާ އިން ނެވެ.

މި ބައްދަލުވުމާ ގުޅިގެން ފަރަންސޭސި ވިލާތުގެ ރައީސުލްޖުމްހޫރިއްޔާ އެމެނުއެލް މެކްރޮން ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތަށް ޒިޔާރަތްކުރައްވައި، އިނގިރޭސި ވިލާތުން ވެސް ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ގޮވާލެއްވި އެވެ. ރައީސް މެކްރޮން ވިދާޅުވީ ފަލަސްތީނު ދައުލަތް ބަލައިގަތުން ފިޔަވައި އެ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރެވޭނެ އެހެން މަގެއް ނެތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.