ސްޓެލްކޯގެ ވާޓްސިލާ އިންޖީނު 200,000 ގަޑިއިރު ހިންގާ ތާރީޚީ ރެކޯޑެއް!

ސްޓެލްކޯގެ ވާޓްސިލާ އިންޖީނު 200,000 ގަޑިއިރު ހިންގާ ތާރީޚީ ރެކޯޑެއް!

Author
ހުސައިން
11 ޖުލައި 2025 11:31
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ވާޓްސިލާ އިންޖީނެއް މެދުކެނޑުމެއްނެތި 200,000 ގަޑިއިރަށް ކަރަންޓު އުފައްދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

1990 ވަނަ އަހަރު ބަހައްޓާފައިވާ މި އިންޖީނު ފާއިތުވި 30 އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ހިންގަމުން އައިސްފައިވާކަން ސްޓެލްކޯއިން ހާމަކުރެއްވިއެވެ. އަދި ކުންފުނީގެ ފްލީޓްގައި ހިމެނޭ އިތުރު ވާޓްސިލާ އިންޖީނެއް ވެސް މި ކާމިޔާބީ ހާސިލުކުރުމާ ކައިރިވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ކާމިޔާބީއާ ގުޅިގެން ވާހަކަދައްކަވަމުން ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރު އަހްމަދު އިގްބާލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ވާޓްސިލާގެ ދުރުވިސްނުންތެރި ލީޑަޝިޕާއި ސާބިތުކަމާއެކު ދޭ އެއްބާރުލުމުގެ ނަތީޖާއެއްކަމަށެވެ. އަދި ސްޓެލްކޯގެ ޓެކްނިކަލް ޓީމުގެ ކެތްތެރިކަމާއި ޕްރޮފެޝަނަލިޒަމް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މި ނަތީޖާއިން ހާމަވަނީ ކުންފުނީގެ އެސެޓް މެނޭޖްމަންޓްގެ ފެންވަރާއި، އިންޖިނިއަރިންގ އަދި މެއިންޓެނަންސް ޓީމުތަކުގެ ޓެކްނިކަލް ހުނަރެވެ. މީގެ އިތުރުން ވާޓްސިލާ އިންޖީނު ޓެކްނޮލޮޖީގެ އިތުބާރު ހުރި މިންވަރު ވެސް މި ކާމިޔާބީން ސާބިތުކޮށްދޭކަމަށް ފާހަގަކުރެއްވިއެވެ.

35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސްޓެލްކޯއާއި ވާޓްސިލާ އާ ދެމެދު ގާއިމުވެފައިވާ ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވެމުންދާކަން ވެސް މި ކާމިޔާބީން އިތުރަށް ހާމަކޮށްދެއެވެ.

މި ތާރީޚީ ކާމިޔާބީއަކީ ސްޓެލްކޯގެ ޖެނެރޭޝަން އެސެޓްތަކުގެ އާދަޔާ ހިލާފު ޕާފޯމަންސްއެއްކަމަށާއި، މެއިންޓެނަންސް މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭކަން ދައްކުވައިދޭ ހެއްކެއްކަމަށް ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.