ޤައުމީ އެއަރލައިން މޯލްޑިވިއަނުން ޗައިނާގެ ޝެންޖެން ސިޓީއަށް ސީޒަނަލް ފްލައިޓްތައް މިއަދު ފަށައިފިއެވެ. މި ޚިދުމަތުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެހުނީ މިއަދު ހެނދުނުއެވެ.
ޝެންޖެންއިން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓްގައި 146 ފަތުރުވެރިން ގެނެސްފައިވާއިރު، އެ ފަތުރުވެރިންނަށް ރަތް ފިނިފެންމަލުން މަރުޙަބާ ކިޔާފައިވެއެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މި ސީޒަނަލް ޚިދުމަތް އޮގަސްޓް 21 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ. މި މުއްދަތުގައި ކޮންމެ ހަފްތާއަކު އެއް ފްލައިޓް ޝެންޖެންއަށް އޮޕަރޭޓް ކުރާނެއެވެ.
މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ނެޓްވޯކް ފުޅާކުރުމުގެ ބޮޑު މަސައްކަތެއް ކުރިއަށް ގެންދެއެވެ. މިއަހަރުގެ ޖަނަވަރީ މަހު ކުންފުނިން ޗައިނާގެ ތިން ސިޓީއަށް ޚިދުމަތް ފަށާފައިވެއެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއެވެ.
ޗައިނާގެ މަންޒިލްތަކަށް ފްލައިޓްތައް ފެށޭނެ ވަގުތު އައީ، ޖަނަވަރީ މަހު މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ އެއަރކްރާފްޓެއް އިތުރުކުރުމާ ގުޅިގެންނެވެ. ވައިޑް-ބޮޑީ އެއަރކްރާފްޓް ބޭނުންކުރަން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ވައުދެއް ފުއްދުމެވެ. ކުންފުނިން ބުނިގޮތުގައި މިއަހަރު ތެރޭގައި އިތުރު ވައިޑް-ބޮޑީ އެއަރކްރާފްޓެއް ފްލީޓަށް އިތުރުކުރާނެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޗައިނާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ޤައުމެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން 150،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ޗައިނާ މާކެޓް އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވިއަނުން ދާދިފަހުން ޗައިނާގެ ޓްރެވަލް ސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމާ ރަސްމީ ޕާޓްނަރޝިޕެއް ޤާއިމުކޮށްފައިވެއެވެ. މި ގުޅުން ބަދަހިކުރުމުން ޗައިނާގެ ޓްރެވަލް އެޖެންޓުންނާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަން ޓިކެޓް ގަތުމާއި ކުންފުނީގެ ޚިދުމަތްތައް ހޯދުން ފަސޭހަވާނެކަމަށް ކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ