ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިން އައިސީޔޫން ވޯޑަށް ބަދަލުކޮށްފި

ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިން އައިސީޔޫން ވޯޑަށް ބަދަލުކޮށްފި

Author
ހުސައިން
08 ޖުލައި 2025 11:01
0

ރ. ފައިނުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި ސައިކަލު އެކްސިޑެންޓެއްގައި ބަރުދަން އަނިޔާތަކެއް ލިބުނު ޓީޗަރަކާއި 18 އަހަރުން ދަށުގެ ދެ ކުދިންނަށް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި ކަމަށް އައިޖީއެމްއެޗުން މިއަދު ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގީ ފައިނު ސްކޫލުގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރަކު ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ. އެ ވަގުތު 16 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއް އެ ދެ މީހުންގެ ގައިގައި ޖެހުނެވެ. ސައިކަލުގެ ފަހަތުގައި އިންނެވީ އެ ސްކޫލުގެ ގްރޭޑު 9 ގެ ދަރިވަރެކެވެ.

މި ހާދިސާގައި ޖުމްލަ ހަތަރު މީހުންނަށް އަނިޔާވެފައިވެއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު ޕްރިންސިޕަލް ދޫކޮށްލެވުނު ނަމަވެސް، އަނެއް ތިން މީހުން ގެންދެވުނީ މާލެއަށެވެ.

މާލެ ގެނެވުނު މީހުންގެ ތެރޭގައި ހިމެނެނީ 14 އަހަރާއި 16 އަހަރުގެ ދެ ފިރިހެން ކުދިންނާއި 49 އަހަރުގެ ފިރިހެން ޓީޗަރެކެވެ. އެ ތިން މީހުންގެ ހާލު ވަރަށް ނާޒުކު ކަމުން، އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެވުނެވެ.

ހޮސްޕިޓަލުގެ ބެލެހެއްޓުންތެރިއަކު މިއަދު ވިދާޅުވި ގޮތުގައި، އައިސީޔޫގައި ހޭދަކުރި މުއްދަތަށްފަހު މިހާރު ވަނީ އެންމެހައި މީހުން ވެސް ވޯޑަށް ބަދަލުކުރެވިފައެވެ. މިއީ އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެކެވެ.

ހާދިސާގެ މަންޒަރު ފެނުނު މީހުން ހާމަކުރި ގޮތުގައި، ސައިކަލު ޖެހުނު ވަގުތު އިސްލާމް ޓީޗަރު ވަރަށް ދުރަށް ވިއްސައިގެން ގޮސްފައިވެއެވެ. މި ހާދިސާގައި ޓީޗަރުގެ ބޮލުގެ ފުއްކިބަ ފަޅައި، މޭ މަށިގަނޑަށް ވެސް ވަނީ އަނިޔާވެފައެވެ. ސައިކަލުގައި އިން ދެ ކުދިންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.