ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން މަދުކުރުމަށް ހަރުދަނާ ޕްރޮކިއުމަންޓް އުސޫލެއް އެކުލަވާލައި، އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
އޭސީސީން ކުރި ދިރާސާއަކުން ފާހަގަވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގައި ސިޔާސީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ނިންމުންތައް ނިންމުމަކީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރެކެވެ. ރާއްޖޭގައި ހިނގި ބޮޑެތި ހިޔާނާތްތައް ވެސް ހިނގާފައިވަނީ ކުންފުނިތަކާއި ދައުލަތުގެ މުވައްޒަފުން ގުޅިގެން ކަމަށް ކޮމިޝަނުން ބުނެއެވެ.
އެސްއޯއީތަކުގައި އިންޓާނަލް އޮޑިޓް ނިޒާމެއް ނެތުމާއި، ކޯޕަރޭޓް ގަވަނެންސް އުސޫލަށް ތަބާނުވުމާއި، ޕްރޮކިއުމަންޓްގެ މައްސަލަތަކާއި، ސިޔާސީ ބޭނުމަށް ވަޒީފާ ދިނުން ފަދަ ކަންކަން ތަކުރާރުވަމުންދާކަމަށް ދިރާސާއިން ފާހަގަވެއެވެ.
ބިޑަށް އިއުލާނުނުކޮށް ވަކި ފަރާތްތަކާ މަސައްކަތް ހަވާލުކުރުމާއި، ބިޑާ ބެހޭ މައުލޫމާތު ހިއްސާކުރުމާއި، ޕްރޮޕޯސަލްތަކަށް ބަދަލުގެނެސް އޮޅުވާލުމާއި، ކޯޓޭޝަން ނުހޯދާ މުދާ ގަތުމާއި، ވެންޑާ ލިސްޓަށް އެރުވުމުގައި ނާޖާއިޒު ފައިދާ ނެގުން ފަދަ ކަންކަން ހިނގާފައިވާކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް އޭސީސީން ލަފާދީފައިވަނީ، ހުރިހާ އެސްއޯއީތަކުގައި ވެސް ހަރުދަނާ ޕްރޮކިއުމަންޓް އުސޫލެއް އެކުލަވާލައި، މަސައްކަތް ހަވާލުކުރާ ކުންފުނިތަކުގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކޮށް، އެއްބަސްވުންތަކުގައި ލިކުއިޑޭޓެޑް ޑެމޭޖަސް އަދި ރިޓެންޝަން ފީ ކަނޑައެޅުމަށެވެ. ހަމައެއާއެކު ވެންޑާ ލިސްޓް ތައްޔާރުކުރުމުގައި އެއް ހަމައަކުން އަމަލުކުރާނެ އުސޫލެއް އެކުލަވާލައި، ކޮންޓްރެކްޓަރުންގެ ކޯޑް އޮފް ކޮންޑަކްޓެއް އާންމުކުރުމަށް ވެސް އޭސީސީން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ