ސައުދީގެ އައު ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި

ސައުދީގެ އައު ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި

Author
ހުސައިން
06 ޖުލައި 2025 12:22
0

ދިވެހިރާއްޖެއަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅުއްވި އައު ސަފީރު ޔަހްޔާ ހަސަން އަލްގަތާނީ މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތާއެކު، ހަތްކޮޅުގައި ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާ އެކުގައެވެ.

ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދާއި، ވަލީއުލް އަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަލް ސައުދު ދިވެހިރާއްޖެއާ މެދު ބަހައްޓަވައި ގާތްކަމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ޙައްޖުވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިދޭ މައްކާ ރޫޓް އިނީޝިއޭޓިވްގައި މިއަހަރު ދިވެހިރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އައު ސަފީރު ޔަހްޔާ ހަސަން އަލްގަތާނީ، ދިވެހިރާއްޖެއިން ލިބުނު ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ސައުދީ އަރަބިއްޔާގެ ސަފީރުކަމުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މަތުރެކް ބިން އަބްދުالله އަލް އަޖަލިން އަލް ދޮސާރީގެ ދައުރު ނިމުމުންނެވެ.

މިއަހަރު ރައީސް މުއިއްޒު، ސައުދީ ރަސްގެފާނުގެ ދައުވަތުފުޅަކަށް މައްކާ މުކައްރަމާއަށް ވަޑައިގެން ޙައްޖުގެ އަޅުކަން އަދާކުރެއްވިއެވެ. އެ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދާއި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.