ފެނަކައަށް 2023ގައި 813 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: އޮޑިޓް

ފެނަކައަށް 2023ގައި 813 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: އޮޑިޓް

ގުޅުންހުރި

ދައުލަތުގެ ބޮޑު ކުންފުނިތަކުގެ ތެރެއިން ހިމެނޭ ފެނަކަ ކޯޕަރޭޝަނަށް 2023 ވަނަ އަހަރު 813.4 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިއުކުރި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މިއީ 2022ގައި ލިބުނު 425 މިލިއަން ރުފިޔާގެ ގެއްލުމާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ ބޮޑު ގެއްލުމެކެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2023 ނިމުނުއިރު ފެނަކައިގެ ޖުމްލަ ގެއްލުން 1.64 ބިލިއަން ރުފިޔާއަށް އަރައިފައިވެއެވެ. މި ކުންފުންޏަށް އެ އަހަރު 2.25 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު ނަމަވެސް، ޚަރަދުތައް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބާކީވީ 840 މިލިއަން ރުފިޔާއެވެ. މިއީ 2022ގައި ލިބުނު 863 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ މަދު އަދަދެކެވެ.

ކުންފުނީގެ ޚަރަދުތަކަށް ބަލާއިރު ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ މުވައްޒަފުންގެ މުސާރައަށް ކުރާ ޚަރަދު 2022ގައި 282 މިލިއަން ރުފިޔާ ކަމުގައި ވީނަމަވެސް، 2023ގައި މި އަދަދު 348 މިލިއަން ރުފިޔާއަށް އަރައިފައިވުމެވެ. މިއީ 23 ޕަސެންޓުގެ އިތުރުވުމެކެވެ.

އެންމެ ބޮޑަށް އިތުރުވި ޚަރަދަކީ މުވައްޒަފުން ތަމްރީނުކުރުމަށް ކުރި ޚަރަދެވެ. 2022ގައި މި ބޭނުމަށް 1.55 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް، 2023ގައި މި އަދަދު 8.02 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. މިއީ 400 ޕަސެންޓަށް ވުރެ ބޮޑު އިތުރުވުމެކެވެ.

ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކަށް ވެސް ޚަރަދު އިތުރުވެފައިވެއެވެ. 2022ގައި މި ކަމަށް 680،463 ރުފިޔާ ޚަރަދުކުރި ނަމަވެސް 2023ގައި މި އަދަދު 717،639 ރުފިޔާއަށް އިތުރުވިއެވެ. އަދި އެހެނިހެން ޚަރަދުތަކާއި އިނާޔަތްތަކަށް 2022ގައި 199 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް، 2023ގައި މި އަދަދު 235 މިލިއަން ރުފިޔާއަށް އިތުރުވެ، 17.9 ޕަސެންޓުގެ އިތުރުވުމެއް ދައްކައިފައިވެއެވެ.

2023 އަކީ ރިޔާސީ އިންތިޚާބު ބޭއްވި އަހަރު ކަމުގައިވާއިރު، އެ އިންތިޚާބުގައި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ވާދަކުރެއްވިއެވެ. ދައުލަތުގެ ކުންފުނިތަކުން އިންތިޚާބުތަކާ ދިމާކޮށް މުވައްޒަފުން އިތުރަށް ނަގައި، ޚަރަދުތައް ބޮޑުކުރާ ކަމުގެ ތުހުމަތުތައް ކޮންމެ ސަރުކާރެއްގައި ވެސް ކުރެވެމުން އައިސްފައިވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން 2023ގައި ހާމަކުރި މައުލޫމާތަށް ބަލާއިރު، ސަރުކާރު ކުންފުނިތަކުގެ ތެރެއިން މުވައްޒަފުން އެންމެ ގިނައީ ފެނަކައިގައި ކަމަށް ފާހަގަކުރެވެއެވެ. އެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެނަކައިގައި 7،379 މުވައްޒަފުން މަސައްކަތްކުރި ކަމަށާއި، މިއީ 2018އާ އަޅާބަލާއިރު 62 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ފެނަކައަކީ ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ކުންފުންޏެއް ކަމުގައި ފާހަގަކުރެވޭއިރު، ކޮންޓްރެކްޓު ދިނުމާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަތަކެއް ހުށަހެޅިފައިވެއެވެ. ޞާލިޙް ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުގައި އޭސީސީން މައްސަލަތަކެއް ބަލައި ދައުވާކޮށްފައިވާއިރު، އެ ކުންފުނީގެ ކުރީގެ އިސް މުވައްޒަފުންތަކަކަށް ވެސް މިހާރުގެ ސަރުކާރުގައި ދައުވާކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ