ވަކި މީހެއްގެ ފަހަތުގައި ލޯމަރައިގެން ނުހުންނާނަން: މިނިސްޓަރ ފައްޔާޟް

ވަކި މީހެއްގެ ފަހަތުގައި ލޯމަރައިގެން ނުހުންނާނަން: މިނިސްޓަރ ފައްޔާޟް

Author
މުޙައްމަދު ޖިމީ
11 އޮކްޓޯބަރ 2020 07:58
0

މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ ޤައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައިކަމަށާއި، ވަކި މީހެއްގެ ފަހަތުގައި ލޯމަރައިގެން ނުހުންނަވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރޭ ދައުލަތުގެ މީޑިއާގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މިސަރުކާރުގައި "ބްރޯ" ހެދިގެން އުޅުއްވާތީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭކަމަށް މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެއީ އެމަނިކުފާނު ވާހަކަދައްކަން ބޭނުންފުޅު ނުވާކަމެއްކަމަށެވެ. ނަމަވެސް އެހެން ވިދާޅުވެ މިނިސްޓަރ ވިދާޅުވީ، މިސަރުކާރަކީ އިޞްލާހަށް މަސައްކަތްކުރި ވަރަށް ގިނަބަޔަކު އިސްވެ ތިބެގެން ގެނައި ސަރުކާރެއްކަމަށާއި، ރައްޔިތުންގެ މަޖިލީހުގައިވެސް އޮތީ ސަރުކާރުގެ އަޣްލަބިއްޔަތުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެބަދަލާއެކު ޤައުމަށް ވަރަށް ގިނަ ކަންކަމުގެ ބަދަލު އައިސްފައިވާކަމަށާއި، މިނިވަންކަމާއެކު ވާހަކަދެއްކުމާއި، މިނިވަންކަމާއެކު ބަސްހުސްކުރެވޭނެ ނިޒާމެއް މިހާރު އެބައޮތްކަމަށެއެވެ. އެ މިނިވަންކަމާއެކު އުނދަގޫތަކެއްވެސް ހުންނާނެކަމަށާއި، ނަމަވެސް ޕަބްލިކް އަދި ސިޔާސީ މީހެއްނަމަ އެފަދަ އެތައް ކަމަކާއި ކުރިމަތިލާންޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީރުކަމުގައި އަބުއި ވެގެން އުޅުނު ޒަމާން މިހާރު ފާއިތުވެފައިވާކަަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑު މިމަަޤާމާ އަޅުގަނޑު ހަވާލުވެ މިހުރީ މާ މުހިންމު މަޤާމަކަށް ވެގެންނެއްނޫން އިނގޭތޯ. ތިން ސަބަބަކާހެދި މިމަޤާމާ ހަވާލުވީ އަޅުގަނޑު. ފުރަތަމަ ކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ބައިއަތު ހިފައިގެން މިމަސައްކަތްފެށީތީ، އުޅުނީތީ. އެމަނިކުފާނު އެދިވަޑައިގަންނަވާހާ ދުވަހަކު ކުރިއަށްދާނަނަ މިމަޤާމުގައި. ދެވަނަކަމަކީ އަޅުގަނޑު މިޤައުމު ބައްޓާންކުރަން އަޅުގަނޑުގެ ތަސައްވުރާ އެއްގޮތަށް، އަޅުގަނޑުމެން ދައްކަމުން އައި ވާހަކަތައް ހަޤީގަތަކަށް ހެދުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި މިއޮތީ. ތިންވަނަ ކަމަކީ މިޤައުމަށް އެއަންނަ ބަދަލުތައް އަޅުގަނޑުވެސް މިޤައުމުގެ ރައްޔިތަކަށް ވާތީއާއެކު އަޅުގަނޑު ގެންނަން ބޭނުންވާ ބަދަލުތަކަކީ ގިނަ ރައްޔިތުންނަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ބަދަލުތަކެއްކަން އަޅުގަނޑަށް ޤަބޫލުކުރޭތީ."

– މިނިސްޓަރ ފައްޔާޟް

މިނިސްޓަރ ފައްޔާޟް ވިދާޅުވީ، އެމަނިކުފާނު ވަޒީރުކަމުގެ މަޤާމުގައި ހުންނެވިޔަސް އަދި ނުހުންނެވިޔަސް ޤައުމު ބައްޓަންވާން ބޭނުންފުޅުވަނީ އެގޮތަށްކަމަށެވެ. މިހާރު ލިބިފައިމިވަނީ ޤައުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަރަށް ކުރު މުއްދަތެއްކަމަށާއި، 2 އަހަރު ތެރޭގައި ޢުމްރާނީ ގޮތުންނާއި ޤާނޫނީ ގޮތުންނާއި ޤައުމު ހިންގުމުގެ ރޮނގުންވެސް ހީނުކުރާފަދަ ބަދަލުތަކެއް ގެންނަވާފައިވާކަމަށެވެ.

މިސަރުކާރުގެ ވިސްނުމަކީވެސް ފާއިތުވި 20 އަހަރާއި ނުބައްދަލު ބަދަލުތަކެއްކަމަށާއި، އަބަދުވެސް ނުވާ ކަންކަމުގެ ވާހަކަ ކޮންމެ ބަޔަކުވެސް ދައްކާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނުގެ މެންޑޭޓް ވަރަށް ބޮޑުކަމަށާއި ކޮންމެ ދާއިރާއެއްވެސް ގުޅޭނީ އިޤްތިޞާދާކަމުން ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަން ފުށްދައިދިނުމަށް މެންޑޭޓުންވެސް މަސައްކަތްތަކެއް ކޮށްފައި ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެމްޑީޕީ ތެރެއިންނާއި މަޖިލިސް ތެރެއިން މަސައްކަތްކުރައްވާކަން އެނގިވަޑައިނުގަންނަވާކަމަށާއި ނަމަވެސް މީޑިއާއިން އެފަދަ ވާހަކަތައް އައްސަވާފައިވާކަަމަށެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޤާމުން ދުރުކުރައްވައިފިނަމަ ސިޔާސީ މައިދާނުން ފެނިގެންދާނެ ގޮތަކާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން މިނިސްޓަރ ވިދާޅުވީ، ވަކި މީހެއްގެ ފަހަތުގައި ލޯމަރައިގެން ނުހުންނަވާނެކަމަށާއި، އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އަމިއްލަފުޅަށް ވިސްނިވަޑައިގަންނަވާ އަދި ޤަބޫލުފުޅުކުރައްވާ ގޮތަކަށްކަމަށެވެ.

އިކޮނިމިކް މިނިސްޓަރ ފައްޔާޟްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވާކަަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އެއްވެސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިސް ތެރޭގައި ނުހިނގާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ތެރޭގައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.