ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ޕަވާ ބޭންކް ބޭނުންކުރުން މަނާކުރުމަށް ނިންމައިފިއެވެ. މި ޤަވާއިދަށް އަމަލުކުރަން ފަށާނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަންއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ، މި ފިޔަވަޅު އެޅެނީ ފަސިންޖަރުންނާއި ކުރޫ މެންބަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)، އިންޓަރނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
އައު ޤަވާއިދުގެ ދަށުން ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 2 ޕަވާ ބޭންކެވެ. މި ޕަވާ ބޭންކްތަކުގެ ކެޕޭސިޓީ 100 ވޮޓް-އަވާ އަށްވުރެ މަތިވެގެން ނުވާނެއެވެ. ހަމައެއާއެކު، ޕަވާ ބޭންކްތައް ބަހައްޓަންވާނީ އޮރިޖިނަލް ޕެކެޖިންގައި ނުވަތަ އިންސިއުލޭޓްކޮށްގެން، ކަރަންޓު ޝޯޓްވުމުން ރައްކާތެރިވުމަށެވެ.
ފްލައިޓްގައި ހުންނަވާއިރު ޕަވާ ބޭންކް ބަހައްޓަންވާނީ އަތުގައި، ސީޓުގެ ދަށުގައި ނުވަތަ ސީޓް ޕޮކެޓްގައެވެ. ސީޓުގެ މަތީގައި ހުންނަ ސްޓޯރޭޖް ކޮމްޕާޓްމަންޓަށް ޕަވާ ބޭންކް ލުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ފްލައިޓްގައި ހުންނަވާއިރު ޕަވާ ބޭންކް ބޭނުންކޮށްގެން އެއްވެސް ޑިވައިސެއް ޗާޖުކުރުމާއި، ޕަވާ ބޭންކް އަމިއްލައަށް ޗާޖުކުރުން ވެސް މަނާކޮށްފައިވެއެވެ.
މި ޤަވާއިދު ތަންފީޒުކުރަނީ މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއްގައި ވެސް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މި ބަދަލުތަކާ ގުޅިގެން ފަސިންޖަރުންނަށް އެއްބާރުލުން ދެއްވުމަށް މޯލްޑިވިއަންއިން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ