ޠާލިބާނު ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

ޠާލިބާނު ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

ގުޅުންހުރި

އަފްޣާނިސްތާނުގެ ޠާލިބާނު ސަރުކާރުން ކަނޑައެޅި ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިޔާއިން ބަލައިގަތުމުން، ޠާލިބާން ސަރުކާރު ބަލައިގަންނަ ފުރަތަމަ ޤައުމަށް ރަޝިޔާ ވެއްޖެއެވެ.

ރަޝިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ނިންމުން ނިންމީ އަފްޣާނިސްތާނާ ގުޅުން ބަދަހިކުރުމުގެ ސަބަބުން ފަހިވާނެ ފުރުޞަތުތަކަށް ބަލާފައި ކަމުގައެވެ. ސަލާމަތާއި ނިރުބަވެރިކަމާއި ޑްރަގާ ބެހޭ މައްސަލަތަކުގައި އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުން ދެމެހެއްޓޭނެ ކަމަށް ވެސް ރަޝިޔާއިން ވިދާޅުވިއެވެ.

ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމުގެ ސަބަބުން ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ރަނގަޅު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ރަޝިޔާއިން ދެކެއެވެ. ޚާއްޞަގޮތެއްގައި ހަކަތަ، ދަތުރުފަތުރު، ދަނޑުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ކަމަށް ފާހަގަކުރެއެވެ.

އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަޤީ ވިދާޅުވީ، ރަޝިޔާގެ މި ހިތްވަރުގަދަ ނިންމުމަށް ޝުކުރުވެރިވާ ކަމަށާއި، މިއީ އެހެން ޤައުމުތަކަށް ވެސް މިސާލެއް ކަމުގައި ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. މި ނިންމުމުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި އަފްޣާނިސްތާނު އެކަހެރިވެފައި އޮތް ޙާލަތަށް ބަދަލު އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު، ޠާލިބާނުން އެ ޤައުމުގެ ވެރިކަން ހިފައިގެން މިހާތަނަށް ވީ ތިން އަހަރުގެ ތެރޭގައި އެއްވެސް ޤައުމަކުން ރަސްމީކޮށް ބަލައިގަނެފައެއް ނުވެއެވެ. ނަމަވެސް ޗައިނާ، އެކުވެރި ޢަރަބި އިމާރާތު، އުޒްބެކިސްތާން އަދި ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް ސަފީރުން ފޮނުވައި، ސަރުކާރު ބަލައިގަތުމުގެ ދިމާއަށް ފިޔަވަޅު އަޅަމުން ގެންދާކަން ފާހަގަކުރެވެއެވެ.

އަފްޣާނިސްތާނާއި ރަޝިޔާއާ ދެމެދު ގުޅުން ތަރައްޤީވާ ގޮތް އެމެރިކާއިން ސަމާލުކަމާއެކު ބަލަމުންދާނެ ކަމަށް ބެލެވެއެވެ. އެމެރިކާއިން ވަނީ އަފްޣާނިސްތާނުގެ މަރުކަޒީ ބެންކުގައި ހުރި ބިލިޔަން ޑޮލަރުތައް ހިފަހައްޓައި، ޠާލިބާނުގެ ލީޑަރުންނަށް ދަތުރުފަތުރުގެ މަނާކުރުން ފަދަ ފިޔަވަޅުތައް އަޅައިފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަފްޣާނިސްތާނުގެ ބެންކިންގ ނިޒާމު ވަނީ ބައިނަލްއަޤްވާމީ މާލީ ނިޒާމުން ވަކިވެ އެކަހެރިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ