ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 6 މަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ. މިއީ ކޯޓަށް ހާޒިރުވުމުގެ އަމުރުތަކަށް ތަބާނުވެ، ކޯޓުގެ ކަރާމާތަށް ގެއްލުން ދޭ ވާހަކަތައް ދެއްކެވުމާ ގުޅިގެން ޣައިރު ހާޒިރުގައި އިއްވި ހުކުމެކެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ހަސީނާއަށް، ސަރުކާރާ ދެކޮޅު މުޒާހަރާތައް ރޫޅާލުމުގައި ހިންގި ލާއިންސާނީ އަމަލުތަކާ ގުޅޭ ގިނަ ދައުވާތައް ކުރެވިފައިވެއެވެ. ނަމަވެސް ކޯޓަށް ހާޒިރުވުމަށް އެތައް ފަހަރަކު އަމުރު ނެރުނު ނަމަވެސް ހަސީނާ އެއްވެސް އިޖާބައެއް ނުދެއްވައެވެ.
ޗީފް ޕްރޮސިކިއުޓަރ މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވީ، ހަސީނާ ބަންގްލާދޭޝަށް އަނބުރާ ވަޑައިގަތުމުން ނުވަތަ އަމާންދީ ކޯޓާ ހަވާލުވާ ވަގުތުން މި ހުކުމް ތަންފީޒުކުރަން ފެށޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ މި މައްސަލައިގެ މައިގަނޑު ސަބަބަކީ ހަސީނާއާ ދެކޮޅަށް މައްސަލަ ހުށަހެޅި ފަރާތްތަކާއި ހެކިންނަށް އިންޒާރުދޭ ގޮތަށް ދެއްކެވި ވާހަކަތައް ކަމަށެވެ.
މި މައްސަލައިގައި ހަސީނާގެ ސިޔާސީ ޕާޓީ އަވާމީ ލީގުގެ ލީޑަރެއް ކަމަށްވާ ޝަކީލް އަކަންދާ ބުލްބުލަށް ވެސް 2 މަހުގެ ޖަލު ހުކުމެއް އިއްވިފައިވެއެވެ. މިހާރު މަނާކޮށްފައިވާ އަވާމީ ލީގުގެ މި ލީޑަރު ވަނީ ދައުވާތަކުން ރެކެން ފިއްލަވައިގެން އުޅުއްވާ ކަމަށް ތުހުމަތު ކުރެވިފައެވެ.
އދ. ގެ ލަފާތަކުން ދައްކާ ގޮތުގައި ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހިނގި މުޒާހަރާތަކުގައި ހަސީނާގެ ސަރުކާރުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 1،400 އެއްހާ މީހުން މަރުވެފައިވެއެވެ. މި މަހުގެ ފުރަތަމަ ދުވަހު ފެށި އެހެން ޝަރީއަތެއްގައި ޕްރޮސިކިއުޓަރުން ބުނެފައިވަނީ މި ހަމަނުޖެހުންތައް އުފެދުނީ ހަސީނާގެ ކޮމާންޑުގެ ދަށުން ކަމަށާއި، އެހެންކަމުން އޭގެ ޒިންމާ އޭނާ އުފުލަންޖެހޭނެ ކަމަށެވެ.
ހަސީނާއަށް ދައުލަތުން ކަނޑައަޅާފައިވާ ދިފާއީ ވަކީލު ބުނެފައިވަނީ، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމަށް ބަންގްލާދޭޝްގެ ގާނޫނުގެ ދަށުން ކުރާ ތުހުމަތުތަކަށް ހަސީނާ އިންކާރު ކުރައްވާ ކަމަށެވެ. އިންޑިއާއިން ހަސީނާ އަނބުރާ ފޮނުވައިދިނުމަށް ބަންގްލާދޭޝުން އެދިފައިވީ ނަމަވެސް، މިހާތަނަށް އިންޑިއާއިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.