ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދަށްވުރެ އިތުރަށް 23 މިލިއަން ރުފިޔާ ޔޫމެޓަށް ދޫކޮށްފައިވޭ: އޮޑިޓް

ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދަށްވުރެ އިތުރަށް 23 މިލިއަން ރުފިޔާ ޔޫމެޓަށް ދޫކޮށްފައިވޭ: އޮޑިޓް

Author
ހުސައިން
30 ޖޫން 2025 12:15
0

ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ބާތިލުކުރުމާ ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަން ކުންފުންޏަށް ދޭންޖެހޭ އަދަދަށްވުރެ 23.23 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.

2011 ވަނަ އަހަރު ވޯކްސް ކޯޕަރޭޝަނާއި ޔޫމެޓް ކުންފުނި ގުޅިގެން ކުރެންދޫ ބަނދަރު ހެދުމަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ވެފައިވާއިރު، 2013 ގައި މި އެއްބަސްވުން ބާތިލުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން 2023 ގެ އޭޕްރިލްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ދިނުމަށް ނިންމައި، ހައުސިންގް މިނިސްޓްރީ މެދުވެރިކޮށް 26 މިލިއަން ރުފިޔާ ޔޫމެޓަށް ދޫކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނާގޮތުން ޔޫމެޓް ކުންފުނިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދުނު އަދަދުގެ ތެރެއިން އަސްލު ނަގައިދޭންޖެހޭނީ 2.77 މިލިއަން ރުފިޔާ އެކަންޏެވެ. މިހެންކަމުން ޙައްގު އަދަދަށްވުރެ 23.23 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވާކަމަށް އޮޑިޓުން ދައްކައެވެ.

މީގެ އިތުރުން، އެއްބަސްވުމުގައި ހިމެނޭ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ޔޫމެޓުން ހުށަހެޅި 13.41 މިލިއަން ރުފިޔާވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެއެވެ. ޔޫމެޓުން ބުނާގޮތުން މިއީ ޖުމުލަ މަސައްކަތުގެ އަގު 21.1 މިލިއަން ރުފިޔާގެ ތެރެއިން، ކުރިން ދޫކުރި 7.69 މިލިއަން ރުފިޔާ އުނިކުރުމުން ބާކީވާ އަދަދެވެ. ނަމަވެސް އޮޑިޓުން ބުނަނީ މިއީ ހަގީގަތުގައި ކޮށްފައިވާ މަސައްކަތްތަކުގެ އަގެއް ނޫންކަމަށެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުން، ޝަރުއީ ކޯޓުތަކުން ގެއްލުމުގެ ބަދަލު ނުދެވޭނެކަމަށް ކަނޑައަޅާފައިވާ އަދަދުތައްވެސް ދޫކޮށްފައިވެއެވެ. ހަމައެއާއެކު ނުކޮށްހުރި މަސައްކަތްތަކުގެ އަގު ވިޔަފާރީގައި ބޭނުންކޮށްގެން ލިބޭނެކަމަށް އަންދާޒާކުރާ ފައިދާވެސް ގެއްލުމުގެ ބަދަލުގެ ތެރޭގައި ހިމަނައިގެން ފައިސާ ދޫކޮށްފައިވާކަން އޮޑިޓުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.