ރ. ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންނަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އިންޓެންސިވް ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގީ ފައިނު ސްކޫލުގެ ދެ ދަރިވަރަކު ސައިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް، ދުވަން ނުކުމެ ތިބި އެ ސްކޫލުގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރުގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގައި ޕްރިންސިޕަލްގެ ހާލު އެހާ ސީރިއަސް ނުވި ނަމަވެސް، ދަރިވަރުންނާއި އިސްލާމް ޓީޗަރަށް ނުރައްކާތެރި އަނިޔާތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އައިޖީއެމްއެޗްގެ މަޢުލޫމާތުގައި ވާގޮތުން، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ލިބެމުންދަނީ ފައިނު ސްކޫލުގެ 49 އަހަރުގެ އިސްލާމް މުދައްރިސަށާއި، ސައިކަލުގެ ފަހަތުގައި އިން ގްރޭޑް 9 ގެ 14 އަހަރުގެ ދަރިވަރަކާއި، މިއަހަރު ގްރޭޑް 10 ނިންމި 16 އަހަރުގެ ދަރިވަރަކަށެވެ. އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ހާމަކުރި ގޮތުގައި، މި ތިން ފަރާތުގެ ހާލު އަދިވެސް ވަރަށް ކަންބޮޑުވާންޖެހޭ ހާލުގައި ވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، ހާދިސާ ހިނގިގޮތް ބަލައި ތަޙުޤީޤު ކުރަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ