ނަޝީދުގެ ކިބައިން ބަދަލެއް ނުހިފާނަން: ރައީސް ސޯލިހު

ނަޝީދުގެ ކިބައިން ބަދަލެއް ނުހިފާނަން: ރައީސް ސޯލިހު

Author
ހުސައިން
27 ޖޫން 2025 12:16
0

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ބަދަލު ހިފާކަށް ނޫޅޭ ކަމަށާއި، އެކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، ބަދަލު ހިފާނީ ބަލިކަށި މީހުން ކަމަށާއި މަޢާފުކުރާނީ ހަރުދަނާ މީހުން ކަމަށެވެ. ވިސްނުން ތޫނު މީހުން ކުރާނީ އެކަންކަން ނުފެންނަ ގޮތަށް ދޫކޮށްލުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ހަމަގައިމު ވެސް އަޅުގަނޑެއް ނުދާނެ އޭގެ ފުރަތަމަ ބަޔަކަށް. ބަދަލު ހިފުމެއް އަޅުގަނޑުގެ ނޯންނާނެ، ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެކަން" ސޯލިހު ވިދާޅުވިއެވެ.

2023 ވަނަ އަހަރު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދެވި ނަޝީދު، މިމަހުގެ 23 ގައި އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށް ސޯލިހު ވިދާޅުވިއެވެ. ނަޝީދުގެ އިތުރުން ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ވެސް އެމްޑީޕީއާ ގުޅިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު، ޑިމޮކްރެޓްސްއާ ކޯލިޝަން ހެދުމުގެ ވާހަކަ ދެކެވުނު ކަމަށް ސޯލިހު ހާމަކުރެއްވިއެވެ. އެމްޑީޕީ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ދެ ޕާޓީ ވަކިން ކޯލިޝަން ހަދަން ހުށަހެޅި ނަމަވެސް، އެކަމަށް ތާއީދު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރު ގެންގުޅުނު އެއް ވިސްނުމަކީ ޑިމޮކްރެޓްސްއާ އެކީގައި ކޯލިޝަނެއް ހަދައިގެން ދެބައިމީހުން އެކީގައި، ދެ ޕާޓީ އޮވެގެން ކުރިއަށްދާންވީއޭ. ހިޔާލު އަޅުގަނޑާ ހިސާބަށް ގެނައީމަ، ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ބުނިން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއޭ ތިކަމެއް" ސޯލިހު ވިދާޅުވިއެވެ.

އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅުން ކަމަށް ބެލެވުނު ކަމަށާއި، އެގޮތަށް މަސައްކަތް ކުރެއްވި ކަމަށް ސޯލިހު ފާހަގަކުރެއްވިއެވެ. މިއަދު އެކަން ވެގެން ދިޔައީ އޭރު އަމިއްލަފުޅަށް ނެންގެވި ސްޓޭންޑާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.