ގާނޫނާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ނުކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޔަޤީންކަން ދެއްވައިފި

ގާނޫނާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ނުކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޔަޤީންކަން ދެއްވައިފި

Author
ހުސައިން
26 ޖޫން 2025 12:42
0

މި ސަރުކާރު ވެރިކަމަށް އައި ފަހުން ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެއްވެސް ވެހިކަލެއް ރަޖިސްޓްރީ ކުރުމަށް ފުރުޞަތު ދީފައި ނުވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ހާމަކުރެއްވީ، 2023 އާއި 2024 ވަނަ އަހަރު އަޅާބަލާއިރު ވެހިކަލް ރަޖިސްޓްރޭޝަން 74.6 ޕަސެންޓް ދަށަށް ގޮސްފައިވާކަމެވެ. މިއީ ގާނޫނާއި ގަވައިދު ހަރުދަނާކަމާއެކު ތަންފީޒުކުރުމުގެ ނަތީޖާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެންމެ ތޮއްޖެހިފައިވާ ސަރަހައްދު ކަމުގައިވާ މާލޭގައި މިވަގުތު ލައްކައަކަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށާއި، މާލޭގެ ކެރިން ކެޕޭސިޓީއަށްވުރެ ބޮޑަށް ވެހިކަލް ރަޖިސްޓްރީކުރުމާއި، ބޭނުން ނުކުރެވޭ ވެހިކަލްތައް މަގުމަތީގައި ދޫކޮށްލުމުގެ ސަބަބުން ތޮއްޖެހުން އިތުރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ ސިޓީއެއްގައި ނުވަތަ ރަށެއްގައި ގެންގުޅެވޭނެ ވެހިކަލްގެ އަދަދު ކަނޑައަޅާނީ އެ ތަނެއްގެ ކައުންސިލުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މާލެ ސިޓީ ކައުންސިލާ އެތައް ފަހަރަކު ވާހަކަދައްކައިގެންވެސް، މާލޭގެ ކެރިން ކެޕޭސިޓީ އަދިވެސް ކަނޑައެޅިފައި ނުވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރަޖިސްޓްރީ ކުރާނެ ގަރާޖެއް ނެތި އެއްވެސް ވެހިކަލެއް ރާއްޖެ އެތެރެ ނުކުރެވޭނެކަމަށް ވަޒީރު އަމީން އިއުލާނުކުރެއްވިއެވެ. އަދި ވިޔަފާރި އުސޫލުން ވެހިކަލް އެތެރެކުރާ ފަރާތްތަކުންވެސް އެ ތަކެތި ބަހައްޓާނެ ޖާގައެއް ހުންނަން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.