ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، އެމީހުންނަށް މާލީ ތަނަވަސްކަން ހޯދައިދިނުމުގެ މަޤްޞަދުގައި ހާއްސަ އެމްޕަވަމަންޓް ހަބެއް ގާއިމުކުރުމަށް ޒަކާތު ހައުސްއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ސޮއިކުރެވުނެވެ.
25 އަހަރުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ޑިރެކްޓަރ ޖެނަރަލް އޮފް ޒަކާތު އައްޝައިޚް އިއްޒައްދީން އަދްނާން ސޮއިކުރެއްވި އިރު، ސޯޝަލް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީ ސޮއިކުރެއްވިއެވެ.
ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ތައުލީމު ހާސިލުކުރުމަށްފަހު މުޖުތަމައުގެ ތެރެއަށް ނުކުންނަ ނުކުޅެދުންތެރި ޒުވާނުންނާއި ތަފާތު ހުނަރުތައް ލިބިފައިވާ މީހުން ގިނަވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރިއެވެ. މި ހަބުގެ ތެރެއިން އެފަދަ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތު ދިނުމާއި، ދީނީ ޕްރޮގްރާމްތައް ހިންގުމާއި، ހުނަރުވެރިކަން އިތުރުކޮށް އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދެވޭނެ ކަމަށް ބެލެވެއެވެ.
މި އެމްޕަވަމަންޓް ހަބް ގާއިމުކުރެވޭނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރަމުންދާ އަމާން އުދަރެސް ޓަވަރު 7 ގެ ފުރަތަމަ ފަންގިފިލާގައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެމީހުންނަށް މުޖުތަމައުގައި ފުރިހަމަ ބައިވެރިންގެ ގޮތުގައި ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ