އިޤްތިޞާދާއި ބެހޭ ވަޒީރަކަށް ހުންނަވައިގެން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާ ނުލައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ޗައިނާއާއެކު ކުރީ ސަރުކާރުން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން އެހެން ޤައުމުތަކާއެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ހީނަރުކަމެއް އަންނާނެ އެއްބަސްވުމެއްކަމަށެވެ.
"އަޅުގަނޑުމެންނަށް މިބަލާލަން ލިބުނީވެސް ގަޑިއެއްޙާއިރު އިނގޭތޯ. 1000 ކޮންމެސް ގަނޑެއްއޮތް އެއްބަސްވުމެއް އެއީ ފަހުން އެބަލާލިން. މަޖިލީހުން ރުހުންދިން ހިސާބުން. އޭގަ ހުރި ވަރަށް ގިނަ ގެއްލުންތަކެއް އެބަހުރި ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ."
– މިނިސްޓަރ ފައްޔާޟް
މިނިސްޓަރ ވިދާޅުވީ ޗައިނާއިން ޑިއުޓީއެއްނެތި މުދާ އެތެރެކުރެވުނު ނަމަވެސް ޗައިނާފަދަ ބޮޑު ޤައުމަކުން އެތެރެކުރެވޭ މުދަލުން ސުން ޕަސެންޓް ޑިއުޓީ ނެގުމަށްފަހު އެހެން ޤައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ ޒަމާނުއްސުރެ ވިޔަފާރީގެ ގުޅުން އޮތް ޤައުމުތަކާއިއެކު އޮތް ވިޔަފާޜިގެ ގުޅުމަށް ބުރޫ އަރާނެކަމެއްކަމަށެވެ.
"ސިންގަޕޫރާއެކު އޮތް ޓްރޭޑް ރިލޭޝަން ދިޔައީ، ދުބާއީއާއެކު އޮތް ޓްރޭޑް ރިލޭޝަން އޭރުން ދިޔައީ، އިންޑިއާއެކު އޮތް ޓްރޭޑް ރިލޭޝަންސް ދިޔައީ. އެއީ މިދެންނެވިހެން ޗައިނާގެ އެއްޗެހި އަގުހެޔޮވީމަ ހުރިހާ ވިޔަފާރިވެރިންވެސް ވައްދާނީ ޗައިނާ އެއްޗެހިތާ. ދެން އަލުން އަޅުގަނޑުމެން ބަލާލާއިރު އެސްޓަބްލިޝްކޮށްފަހުރި ވިޔަފާރީގެ ގުޅުންތައް އަލުން ފަށްޓާނެ ޖާގައެއް ނޯންނާނެ."
– މިނިސްޓަރ ފައްޔާޟް
މިނިސްޓަރ ފައްޔާޟް ވިދާޅުވީ އެއީ އެމަނިކުފާނު އިޤްތިޞާދާބެހޭ ވަޒީރަކަށް ހުރެ އެފަދަ އެއްބަސްވުމެއް އެކުލަވާނުލައްވާނެކަމަށާއި، ނަމަވެސް މިނިވަން ވިޔަފާރީގެ ކަންކަމާ ވާހަކަ ދައްކާ އިތުރަށް ރަނގަޅުކުރެވިދާނެކަމަށެވެ.
ކުރީގެ ސަރުކާރުގައި ޤާއިމްކޮށްފައިވާކަމަށް ބުނާ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ހަދަންޖެހޭ އެއްވެސް ޤާނޫނެއް ހަދާއިފައި ނެތުމުން، އެ އެއްބަސްވުމުގެ ފައިދާއެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް މިދިޔަ ހަފްތާގައި މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު 2017 ވަނަ އަހަރު އެކުލަވާލި އެގްރިމަންޓުގައި 12 އެއްބަސްވުމެއް ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ