ސްޓެލްކޯގައި އިންހައުސް ޓްރެއިނަރުންގެ ޕޫލެއް ގާއިމްކޮށްފި

ސްޓެލްކޯގައި އިންހައުސް ޓްރެއިނަރުންގެ ޕޫލެއް ގާއިމްކޮށްފި

Author
ހުސައިން
25 ޖޫން 2025 10:36
0

ސްޓެލްކޯގައި ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން އެހެން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ޚާއްޞަ ޓްރެއިނަރުންގެ ޕޫލެއް ގާއިމްކޮށްފިއެވެ. މި ޕޫލް ރަސްމީކޮށް ހުޅުވައިދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ޓްރެއިނަރުންގެ ޕޫލް ގާއިމްކުރުމުގެ ރަސްމިއްޔާތުގައި ބައިނަލްއަގުވާމީ ސަނަދު ހާސިލްކޮށްފައިވާ 35 މުވައްޒަފުންނަށް ސްޓެލްކޯގެ ސެޓިފައިޑް ޓްރެއިނަރެއްގެ ލައިސަންސް ދޫކުރެވުނެވެ. މި ޓްރެއިނަރުންގެ ތެރޭގައި އިންޖީނިއަރުން، ޓެކްނީޝަނުން، އިދާރީ މުވައްޒަފުން، ހިއުމަން ރިސޯސް، ސެކިއުރިޓީ، މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ފަދަ އެކި ދާއިރާތަކުގެ މާހިރުން ހިމެނެއެވެ.

މި މަޝްރޫޢަކީ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ހުރި ޢިލްމާއި ހުނަރު ބޭނުންކޮށްގެން އެކި ދާއިރާތަކުން އެހެން މުވައްޒަފުން ތަމްރީނުކުރުމަށް ފަށާފައިވާ އައު އިސްނެގުމެކެވެ. މިގޮތުން ކުންފުނީގެ އެތެރޭގައި ހުރި ތަޖުރިބާކާރު މުވައްޒަފުންގެ ޤާބިލިއްޔަތު ބޭނުންކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތައްޔާރުކުރުމަށް ރާވާފައިވެއެވެ. މިއީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ކުންފުނީގެ އެތެރޭގައި ތަމްރީނުގެ ސަގާފަތެއް ގާއިމްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.